ސްރީލަންކާ އިން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސި ވަމުންދާތީ، ލަންކާ އަށް ވައިގެ މަގުން ދަތުރު ކުރެވޭ މީހުންގެ އަދަދު މަދު ކުރަން ނިންމައިފިއެވެ.

ވައިގެ މަގުން ފްލައިޓެއްގައި ދަތުރުކުރެވޭނީ 75 މީހުންނަށް ކަމަށް ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ ބުނެފައެވެ. މިގޮތަށް އަމަލު ކުރަމުން ދާނީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަަތަކަށެވެ. ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބުނެފައިވަނީ މި ނިންމުން ހުރިހާ އެއާލައިންތަކަކަށް ވެސް އަންގާފައިވާނެ ކަމަށެވެ.

މި ނިންމުމަށް އިތުރު ބަދަލެއް ގެންނާނީ 14 ދުވަސް ފަހުން ގައުމުގެ ހާލަތަށް ބަލާފައި ކަމަށް އޭވިއޭޝަން އޮތޯރިޓީއިން ބުނެފައިވެއެވެ. މިހާރު އެ އޮތޯރިޓީއިން ނިންމާފައިވާ ގޮތުން ފްލައިޓެއްގައި ދަތުރުކުރެވޭނީ ސްރީލަންކާގެ 75 މީހުންނަށެވެ.

ލަންކާއިން ކޮވިޑާ ދެކޮޅަށް ފިޔަވަޅު އަޅަމުންދަނީ އެއް ގަޑިއިރު ވައިގައި ހުންނަ ނުރައްކާތެރި ކޮވިޑް ވޭރިއެންޓެއް ފެނުމާއި، ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުން އެގައުމުން ކޮވިޑަށް ފައްސިވަމުން ދާތީއެވެ.

މީގެ އިތުރުން ލަންކާއިން ވަނީ ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ. އެގޮތުން، ގިނަ މީހުން އެއްވެ ބާއްވާ ހަފްލާތައް މަނާ ކުރުމާއި، ސުކޫލުތަކާއި ކޮލެޖުތައް ބަންދު ކުރުމާއި، ސިނަމާތަކާއި ކުޑަކުދިންގެ ޕާކުތައް ބަންދުކުރުން ހިމެނެއެވެ.

އެގައުމުން އިއްޔެ ކޮވިޑުގައި 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، ކޮވިޑަށް ފައްސިވެފައިވަނީ 1،923 މީހުންނެވެ. އެއާއެކު ބަލި ޖެހުނު މީހުންގެ އަދަދު 114,000 އަށް ވުރެ މަތިވެފައިވެއެވެ. ލަންކާއިން މިހާތަނަށް ކޮވިޑުގައި މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 709 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު