އިންޑިއާއަށް އައިސްފައިވާ ކޮވިޑް-19 ގެ ދެވަނަ ރާޅަކީ ދުވަހަކު ވެސް އެގައުމުގެ ރައްޔިތުންގެ ހަނދާނުން ފިލައިގެން ނުދާނޭ ވަރުގެ "ބިރުވެރި" ރާޅެކެވެ. މި ރާޅުގައި އެގައުމުގެ އެތައް މިލިއަން ބަޔަކު ޖެހިފައިވާއިރު ބަލީގެ ޝިކާރައަކަށްވެ އެތައް ބައެއްގެ ފުރާނަ ވަނީ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ.

ސަރުކާރުގެ ދޯހަޅި ސިޔާސަތްތަކާއި ޤައުމުގެ ސިއްހީ ހާލަތު އޮތް ގޮތުން މަރު އިރުތުވުން އިންތިހާއަށް ވަނީ އިތުރުވެފައެވެ. އެތައް އާއިލާތަކެއް ބިރެއްގެ މަތީ ތިބޭއިރު، ޔެޝޫދަސްގެ އާއިލާ ވެސް މިވަނީ ބަލިން އަރައިނުގަނެވި ބިރެއްގެ ތެރެއަށް ވެއްޓިފައެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޔެޝޫދަސް އާއި އޭނާގެ އާއިލާ ކޮވިޑުގެ ނުރައްކަލުގައި ޖެހި ދަތިހާލުގައި އުޅޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ބަލި ބައްޕަ އަކާއި މަންމައެއް ބަލަމުން ދާއިރު އަޅާނޭ އިތުރު މީހެއް އޭނާގެ ނެތެވެ. ދިއްލީގެ އަވަށަކަށް ނިސްބަތްވާ މި އާއިލާގެ ތިން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ބަލިވެ، ނޭވާލާން އުނދަގޫވެ، ހޮޑުލެވި ބޮލުގައި ރިއްސާތާ ދެ ހަފްތާ ވެފައިވާކަމަށް ޔެޝޫދަސް ބުނެއެވެ.

27 އަހަރުގެ ޔެޝޫދަސް ބުނީ ކައިރި ސަރަހައްދުތަކުގައި ތިބި ހުރިހާ ހޮސްޕިޓަލެއް ބަލި މީހުންނާއިގެން ފުރިފައިވާ ކަމަށާއި ހޮސްޕިޓަލްތަކުގެ ވަށައިގެން ބަލިމީހުން ބޮޑެތި ސަފުތައް ހަދާލައިގެން ތިބޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ބަލިވެ އުޅޭއިރު ޑޮކްޓަރަކަށް ނުދެއްކި އުޅޭތާވެސް ދުވަސްވެފައިވާކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ގައިގައި ކޮވިޑުގެ އަލާމަތްތައް ހުރިކަން އެނގުނު ހިސާބުން އާއިލާ ރައްކާތެރި ކުރަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ބަލި ބައްޕަ އާއި މަންމަ އަށް ކާންދޭނޭ އިތުރު މީހެއް ނެތުމުން އެކަން ކުރަން އާއިލާ ކައިރީގައި ހުންނަން އޭނާ އަށް މަޖުބޫރުވިއެވެ. ކުޑަކުޑަ އެ އާއިލާ އުޅެމުން ދިޔައީ ކުޑަ ކޮޓަރިއެއްގައިއެވެ. ވައިބޭރުކުރާނޭ ރަނގަޅު ނިޒާމެއް ވެސް ނެތް އިރު އެއީ އެންމެ ރައްކާތެރިގޮތް ނޫންކަން ވެސް އޭނާ އަށް އެނގެއެވެ.

ޔެޝޫދަސްގެ ބައްޕަގެ ބަލިހާލަތު ހުރި ގޮތުން އޭނާ އޮންނަން ޖެހެނީ އަބަދު ވެސް އޮކްސިޖަނާއި ގުޅާފައެވެ. އޮކްސިޖަނަކީ އިންޑިޔާގައި މިހާރު ލިބުން އެހާ ދަތި އެއްޗަކަށްވާއިރު ބައްޕަ ބޭނުންކުރާ އޮކްސިޖަން ފުޅިވެސް ހުސްވާން ކައިރިވެފައިވާކަން އޭނާ ހާމަކުރިއެވެ.

އަޖިން ޔެޝޫދަސްގެ މަންމަ ވަނީ މީގެ އަހަރުތަކެއް ކުރިން ވަޒީފާއިން ވަކިވެފައެވެ. އާއިލާ މިހާރު އުޅެމުންދަނީ ޔެޝޫދަސް އަށް ލިބޭ ކުޑަ މުސާރަކޮޅަށް ބަރޯސާ ވެގެންނެވެ. އޭނާގެ ބައްޕަ އަކީ ކެންސަރުބަލީގައި އެނދުމަތި ކުރެވިފައިވާ މީހެކެވެ. ބަލިހާލަތު ހުރިގޮތުން ބައްޕައަކަށް ހިނގައިބިގައި ނޫޅެވޭއިރު ބައްޕަގެ ހުރިހާކަމެއް ވެސް ކުރަނީ ޔެޝޫދަސް އާއި އޭނާގެ މަންމަ އެވެ.

ޔެޝޫދަސްގެ ބައްޕަ ބޭނުން ކުރަން މަޖުބޫރުވެފައިވާ އޮކްސިޖަން ފުޅި 2،300 ރުފިޔާއަށް ލިބޭއިރު އޮކްސިޖަން ފުޅިއެއް ގަތުމުގެ ތަނަވަސްކަމެއް ވެސް އެ އާއިލާ އަކަށް ނެތެވެ. އެފަދަ ކަމެއް ކުރަން ޖެހެނީ ތިމާގެ މީހުންނާއި ރައްޓެހިންގެ ފަރާތުން ލިބޭ އެއްޗަކުންނެވެ. ބައްޕައަށް ފަރުވާ ކުރުމަށް ހޮސްޕިޓަލުން ޖާގަ ހޯދުމަށް ކިޔުގައި ބައިވެރިވެ ކިޔު ދޫކޮށް ގެއަށް އަންނަން ޖެހެނީ ބައްޕަގެ ފުރާނެ ނެތިދާނެ ކަމަށް އަބަދުވެސް ހިތަށް އަރާތީ ހިތް ނުތަނަވަސްވެގެން ކަމަށް ޔެޝޫދަސް ބުނެއެވެ.

އިންޑިއާ ސަރުކާރު ފެއިލްވެފައިވާކަމަށް ޔެޝޫދަސް ބުނާއިރު އޭނާ ބުނީ އޭނާގެ ބައްޕަ މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ ވެސް ނަގަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އެއީ ސިއްހީ ނިޒާމު ފެއިލްވެފައިވުމާއި އެންމެންނަށް ފަރުވާ ހޯދައި ނުދެވޭތީ ކަމަށެވެ. ސަރުކާރަށް ހުރިހާ ޓެކުހެއް ދައްކައި ރައްޔިތުން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ އެއްޗެއް ދައްކާއިރު، ސަރުކާރުން ރައްޔިތުންނަށް ހޯދައިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިދިނުމުގައި ފެއިލްވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު