އެމެރިކާގެ މިނިއާޕޮލިސްގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުހެއްގެ އަނިޔާވެރި އަމަލެއްގެ ސަބަބުން މަރުވި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލައިގައި ފުލުސް އޮފިސަރުގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް އަލުން އަޑުއެހުމެއް ބާއްވައި ދިނުމަށް އެ އޮފިސަރު ޑްރެކް ޗައުވިން އެދިއްޖެއެވެ.

ޑްރެކް ޗައުވިންގެ ގާނޫނީ ވަކީލު، އެރިކް ނެލްސަން ކޯޓުގެ އަޑު އެހުން އަލުން ބާއްވައިދިނުމަށް އެދިފައިވާއިރު ބުނެފައިވަނީ ޗައުވިންއަށް ހިނގާފައިވަނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ. ނެލްސަން ވަނީ އަލުން ޝަރީއަތް ކުރިޔަށް ގެންދަންވީ އެތައް ސަބަބެއް ބަޔާން ކޮށްފައެވެ.

އެގޮތުން ނެލްސަން ބުނެފައިވަނީ ޝަރީއަތް ކުރިޔަށް ގެންދިޔަ ގާޒީ ޕީޓާ ވަނީ ޗައުވިންގެ ހައްގުތަކަށް ހުރަސްއަޅައި، އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ނުގެންގޮސް ހުކުމް ކޮށްފައިކަމަށެވެ.

މި މައްސަލަ އަލުން ބަލައިދޭން އެދިފައިވަނީ ޗައުވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ހުކުމް ކުރިތާ ދެ ހަފްތާ ފަހުންނެވެ.

ޗައުވިންގެ މައްޗަށް އުފުލި ދައުވާތަކަކީ މީހަކު މަރާލުމުގެ ގަސްދު އޮވެގެން ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ އާއި މަރާލުމުގެ ގަސްދެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމާއި އަދި ކުރި ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާއެވެ.

މިދިޔަ އަަހަރު މޭ 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރާލައިފައިވާ ޖޯޖް ފްލޮއިޑްގެ މަރަށް އިންސާފު ލިބުމުން އެކަމާއި ކަޅު ނަސްލުގެ މީހުން އުފާ ފާޅު ކޮށްފައިވެއެވެ. ފްލޮއިޑް މަރުގެ މައްސަލައިގެ ހުކުމް ކުރި ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުންނެވީ ކަޅު ނަސްލުގެ މީހަކަށް އިންސާފު ލިބުމުން ހިތްފުޅު ހަމަޖެހިގެންނެވެ.

ފްލޮއިޑް، 46، މަރާ އެކު ނަސްލީ ތަފާތު ކުރުން ނައްތާލުމަށް އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ފުލުހުންނަށް، ހާއްސަކޮށް ދޮން ނަސްލުގެ ފުލުހުންނަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވިއެވެ.

މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ފުލުސް މީހާ ކަކުލުން އަރައިގެން ގާތްގަނޑަކަށް ނުވަ މިނެޓު ހިފަހައްޓާލިއެވެ. އެންމެ ފަހުން ފްލޮއިޑް މަރުވީ އޮކްސިޖަން ނުލިބެ ހާސްވެގެންނެވެ.