ކޮވިޑް-19 ގެ ދެވަނަ ރާޅަކާއި ކުރިމަތިވެފައިވާ އިންޑިއާގެ ހާލަތު ވަނީ ހީވެސް ނުކުރާހާ ވަރަށް ގޯސްވެފައެވެ. ގައުމުގެ ސިއްހީ ނިޒާމު ވަނީ ގަޑުބަޑުވެފައެވެ. ސަރުކާރުން އެކަންކަމާއި އަޅާ ނުލާތީ ރައްޔިތުން އަންނަނީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އިންޑިއާއަށް މިވަގުތު ބޭނުންވެފައި އޮތީ ބަލި މީހުންނަށް ދޭނެ އޮކްސިޖަނެވެ. އޮކްސިޖަން ހުސްވެގެން ކޯޓުތަކުން އޮކްސިޖަން ފޯރުކޮށްދޭ މީހުންނަށާއި ސަރުކާރަށް އަމުރު ވަނީ ކޮށްފައެވެ. އެހެން ނަމަވެސް އެކަން ހައްލުވާ ކަމެއް އަދި ފެންނާކަށް ނެތެވެ.

ޒުވާން އުމުރުގައި ބުރަ މަސައްކަތެއް ކުރަމުން އަންނަ ބްރަމަރީ ބާއި އާއި މީނާ ބާއި އަކީ އާމްދަނީ ހޯދުމަށް ދަނޑުވެރިކަން ކުރަމުން އަންނަ ދެމީހުންނެވެ. ކޮވިޑް-19ގެ ސަބަބުން ދެމީހުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ.

އާމްދަނީ ހޯދުމަށް މިހަރު ކުރަމުން އަންނަ މަސައްކަތަކީ ބަލީގައި މަރުވާ މީހުން އެންދުމަށް ބޭނުންވާ ލަކުޑި ނުވަތަ ވަކަރު ހޯދުމެވެ. އެ މަސައްކަތް ކޮށްގެން ދުވާލެއްގެ މައްޗަށް ދެމީހުންނަށް ލިބެނީ 150 ރުފީސް (2 ޑޮލަރު) އެވެ. އެ މަސައްކަތް ކުރާއިރު، އެއީ ހިރާސް ބޮޑު މަސައްކަތެއްކަން އެމީހުން ފާހަގަ ކުރެއެވެ.

އެހެން ނަމަވެސް އެއްވެސް ކަހަލަ ސަލާމަތީ ވަސީލަތެއް ނެތި މަސައްކަތް ކުރަމުން އަންނައިރު، ދެ މީހުން ވެސް ތިބެނީ ބިރެއްގެ މަތީގައެވެ. އޭގެ ތެރޭގައި މާސްކު ނެތް ކަން ވެސް އެ ދެމީހުން ފާހަގަ ކުރިއެވެ.

"ކޮންމެ ދުވަހަކު ވަޒީފާއަށް ދަނީ ހެނދުނު 9 ޖަހާއިރު، މަސައްކަތް ނިންމާފައި ގެއަށް އާދެވެނީ ހަވީރު 6-7 އެހާކަންހާއިރު" ބްރަމަރީ ބުންޏެވެ.

އޭނާ އާއި މާސްކު އަޅައިގެން ނެތީ ކީއްވެތޯ ސުވާލު ކުރުމުން ބުނެފައިވަނީ އޭނާ މާސްކެއްގެ ގޮތުން ބޭނުން ކުރަމުން އަންނަނީ އަޅާ ބުރުގާ (ސާރީ) ކަމަށެވެ.

އެމީހުންގެ ސްޓޭޓަށް ބަލާއިރު، އެ ސްޓޭޓުގައި ހުންނަނީ އެންމެ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުން ފަރުވާ ރަނގަޅަށް ނުލިބޭއިރު، ތަނުގައި ހުރީ އެންމެ 12 އޮކްސިޖަން ސިލިންޑަރެވެ. އެއީ 200،000 މީހުންގެ އާބާދީއެއް އޮންނަ ސްޓޭޓެކެވެ.

ކިޔުންތެރިންގެ ހިޔާލު