އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދިޔަ 26 ބަލިމީހުން ކުއްލިއަކަށް މަރުވެއްޖެއެވެ.
ގޯއާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ 26 ބަލިމީހުން ކުއްލިއަކަށް މަރުވި އިރު، އެ ހުރިހާ އެންމެނަކީ ވެސް ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ އެމީހުން މަރުވި ގޮތުގެ ތަހުގީގު ފަށައިފައެވެ.
އިންޑިއާގެ ހޮސްޕިޓަލްތަކުގައި ފާއިތުވި މަހެއްހާ ދުވަހު އޮކްސިޖަން ނުލިބިގެން އެތައް ބަޔަކު މަރުވެފައިވާ އިރު ގޯއާ ހޮސްޕިޓަލުގައި މަރުވި މީހުން މަރުވީ އޮކްސިޖަން ނުލިބިގެން ނޫންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާ ހިނގި ގޮތް ހޯދުމަށް އިންޑިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން މަސައްކަތް ފަށާފައިވާއިރު ސިއްހަތާ ބެހޭ ވަޒީރު ވިޝްވާޖިތް ރާނޭ ވިދާޅުވީ ގޯއާގައި އޮކްސިޖަން ނުލިބުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. ނަމަވެސް މީހުން މަރުވީ އޮކްސިޖަން ނުލިބިގެން ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.
ރާނޭ ވިދާޅުވީ 1،200 އޮކްސިޖަން ސިލިންޑަރަށް ހޮސްޕިޓަލްތަކުން އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ފޯރުކޮށްދެވުނީ 400 އޮކްސިޖަން ފުޅިކަމަށެވެ.
އިންޑިއާ އަށް އަރާފައިވާ ކޮވިޑުގެ ދެވަނަ ރާޅާ އެކީ ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އުފުލިގެން ދިޔައެވެ. އަދި އެ ގައުމުގެ ސަރުކާރަށް ނުހިފެހެއްޓޭ ވަރަށް ގިނަ ބަޔަކު ބަލިވެ ހޮސްޕިޓަލްތައް ފުރުނެވެ. އިންޑިއާ އަށް އެހީތެރިވުމަށް ބޭރުގެ އެތައް ގައުމަކުން އޮކްސިޖަނާއި މެޑިކަލް ސަޕްލައިސް އަދި ބައެއް ގައުމުތަކުން އެމްބިއުކާންސް ވެސް ވަނީ ދީފައެވެ.
މިވަރު ބަޔަކު މިރާއްޖެ ތަރައްގީ ކުރަން ފައިސާގެ ލޯނު މިދެނީ.