ޗައިނާގެ ވުހާން ސިޓީން 2019 ވަނަ އަހަރު ފެނުނު ކޮވިޑް-19 ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ އިރު، މިއީ މި ގަރުނުގައި ވެސް ދުނިޔެ އަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމެވެ. މި ބަލިމަޑުކަމުގައި މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 160 މިލިއަނަށް ވުރެ ގިނަ މީހުން މަރުވި އިރު ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދު ވަނީ 3.32 މިލިއަނަށް އަރައިފައެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ސެންޓަ ފޯ ސިސްޓަމްސް ސައިންސް އެންޑް އިންޖިނިއަރިން އިން ހާމަކުރާ ގޮތުގައި މިއަދާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 160,063,260 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އަދި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 3,326,378 އަށް އަރާކަމަށް އެ ޔުނިވަސިޓީން ހާމަކުރެއެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ދުނިޔެއިން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާއިން މިހާތަނަށް 32,813,531 މީހުން ފައްސިވެފައިވާއިރު 583,647 މީހުން ވަނީ މަރުވެފައެވެ.

ދުނިޔެއިން ދެ ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމަކީ އިންޑިއާއެވެ. އެގޮތުން އެ ގައުމުން 23,340,938 މީހުން ވަނީ ފައްސިވެފައެވެ. ދެން އެންމެ ގިނައިން ކޮވިޑަށް މީހުން ފައްސިވެފައިވާ ގައުމުތަކަކީ ބްރެޒިލް، ފްރާންސް، ތުރުކީ، ރަޝިޔާ، ޔޫކޭ، އިޓަލީ ސްޕެއިން، ޖަރުމަންވިލާތް އަދި އާޖެންޓީނާއެވެ.

ކޮވިޑް ޖެހިގެން ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލްއިންނެވެ. އެގޮތުން ބްރެޒިލް އިން މިހާތަނަށް 428,034 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

ކޮވިޑްގެ އާ ވައްތަރާއެކު އިންޑިއާ އިން މަރުވާ މީހުންގެ އަދަދު މިހާރު އިތުރުވާ އިރު އާ ވައްތަރުގެ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި އިންޑިއާ އިން ފެނިފައިވާ ކޮވިޑުގެ އާ ވައްތަރު ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ ފެނިފައެވެ. މި ވައްތަރަކީ ކުރިން ފެނިފައިވާ ކޮވިޑުގެ ވައްތަރަށް ވުރެ ނުރައްކާތެރި ވައްތަރެއް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު