ކޮވިޑާ ގުޅިގެން ސައުދީ އަރަބިއްޔާގައި ޝީޝާގެ ވިޔަފާރި ކުރާ ތަންތަން ބަންދު ކޮށްފައި ބެހެއްޓުމަށް ފަހު އަނެއްކާ ވެސް އެތަންތަނުން ހިދުމަތް ދެވޭ ގޮތަށް އުސޫލު ބަދަލު ކުރަން ނިންމައިފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އިން ބުނީ ސައުދީގައި ޝީޝާ ބުއިމުގެ ހުއްދަ ހަމަ އެކަނި ދެވިފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. މާދަމާއިން ފެށިގެން ޝީޝާގެ ހިދުމަތް ދޭ ކެފޭތަކާއި ދުންފަތުގެ އިސްތިއުމާލު ކުރާ ސަރަހައްދުތައް އަލުން ހުޅުވާލި ކަމުގައި ވިޔަސް، ކޮވިޑް ފެތުރުމުގެ ފުރުސަތު ހަނިވާނޭ ހެން ގަވާއިދުތަކެއް އެކުލަވާލައިފައިވާ ކަމަށާއި އެ ކަންތައްތަކަށް އާންމުން ސަމާލުކަން ދޭމިންވަރު މިނިސްޓްރީއިން ބަަލަމުން ގެންދާނެ ކަމަށް ބުންޏެވެ.

ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ޝީޝާގެ ހިދުމަތް ލިބޭ ކެފޭތައް ހުޅުވާލެވޭ އިރު، މި ކެފޭތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކޮށްފައި ހުންނަން ޖެހޭ ކަމަށް އެ މިނިސްޓްރީއިން އާންމު ކުރި އުސޫލުގައި ވެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ނުވާ މުވައްޒަފެއް ނަމަ، ހަތް ދުވަހުގެ ތެރޭގައި ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނެެގެޓިވް ވާން ޖެހެއެވެ.

ޝީޝާ ބުއިމަށް ދެވޭ ހޮޅިއަކީ އެެއް ފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފަދަ ހޮޅިއެއް ކަމަށް ވެފައި، ގުރޫޕެއްގައި ފަސް މީހުންނަށް ވުރެ އިތުރު ނުވާނޭފަދަ ގޮތަކަށް ކެފޭ ތަކުން ޖާގަ ދިނުމަށް އަންގާފައިވެއެވެ. އަދި ކެފޭތަކުގައި ޝީޝާ ގެ ހިދުމަތް ދެވޭނީ ހަމައެކަނި ހާމަކޮށް އޮންނަ ވައި ބަންދުވެފައި ނުވާނެ ފަދަ މާހައުލެއްގައި ކަމަށް އުސޫލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފެންފޮދު

  އިންޑިޔާގައި ހެދި ފެންފޮދު ނުޖަހާ ގައުމުތަކުގައި ތިހެން ތިކަން ކުރެވިދާނެ. އެކަމަކު މިގައުމުގައި އިންޖެކްޝަން ޖެހިއޭ ކިޔާފައި ސަލާމަތްވާނެތަ!

  10
  4
 2. ކޮރަލް

  ޝީޝާ އަކީ އޭގަ އެއް ވެސް ފައިދާ އެއް ނެތް ގެއްލުން ބޮޑު އެއްޗެކެވެ. ދިރާސާ ތަކުން ދައްކަނީ އެގޮތަށެވެ.

  17
  5
 3. ޝީޝާރުތޯ

  ސައުދީ ރައްޔިތުން ޝީޝާ ބޯލަބޯލާ އުފަލަމާ ޖަލުގައި އުޅެމިންދާއިރު މިމީހުން ހަމަ ހިތަށް އެއްވެސް އެއްޗެއް ނާރަނީބާ ޖެހިގެން އޮތް ބިމުގައި މުސްލިމު އެތައް ރައްޔިތުންނެއް ޝަހީދު ކުރަމުން ބަޔަކު ދާއިރުވެސް . މުސްލިމުން ގެ އެއްމެ މުއްސަނދި ގައުމުން ފަލަސްތީނުގެ އަހުންނާއި އުތުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭއިރު ހެޔޮ ބަހެއް ބުނެލާ އަޑުވެސް ނާހަން

  19
  2
 4. ފިލަސްތީން

  އެމް.ބީ.އެސް ކަލޭ ލަދު ކޮބާ؟

  5
  2
 5. ޢަހު

  ސަޢޫދީގަ މިހާރު ހުރިހާކަމެއް ހުއްދަ

  10
  1
 6. މޯލްޑިވްސް މީހާ

  މިއީ އަހަރެމެންނަށް ވަރަށް މުހިންމު ހަބަރެއް

  1
  1
 7. dhahjaal

  fahu zamaanuge Alaamaiy thah hurihaakameh huhdha

 8. ބައްސާމް

  ހެޔޮނުވާނެއެވެ. އޭ ދެޙަރަމްގެ ޚިދުމަތްތެރިންނޭވެ. ކަލޭމެންނަކީ މުޅި އިސްލާމީ ދުނިޔޭގެ ވެރިންނެވެ. އަދި މާތް ރަސޫލާ ކަލޭމެންގެ ތެރެއިން ފޮނުއްވިކަމަށްޓަކައި ކަލޭމެންނަށް އަހަރެމެން ކިތަންމެ ވަރަކަށް އޙްތިރާމް ކުރަންބޭނުންވިޔަސް ކަލޭމެންގެ ތިހިރަ އުޞޫލްތަކާ އާދަތައް ހުންނަގޮތުން ހިތާމަކުރަމެވެ. ފަލަސްތީނު ސުންނާފަތިކޮށް އިސްރާޢިލުން އެހެރަ ކުށެއްނެތް މުސްލިމުންތައް ޝަހީދުކޮށް ހުސްކުރަނީއެވެ. އަޅަ ކަލޭމެން މުއްސަނދިކަމުގައި ތިގޮތަށް ޝީޝާ ބޯލަން ހަމަ ތިބޭނީހެއްޔެވެ. ޤިޔާމަތްދުވަހު މާތް ރަސޫލާހެ އަރިހުގައި ކަލޭމެން ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟