ހަކުރު، ކޮފީ އަދި އޮރެންޖް ޖޫސް އެންމެ ގިނައިން ގައުމުތަކަށް ފޯރުކޮށްދޭ ބްރެޒިލް ފެނަށް ޖެހި މި ތަކެތި އެހެން ގައުމުތަކަށް ލިބުން ދަތިވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. އެ ގައުމަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން، އެކަށީގެންވާ ވަރަށް އެ ގައުމުގައި ފެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބްރެޒިލްގެ ދަނޑުވެރިން ބުނެފައިވަނީ ހަނަފަސް މޫސުމަކަށް ބޭނުންވާ ވަރަށް އެގައުމުގައި ފެން ނެތް ކަމަށެވެ. ވިއްސާރަ މޫސުން ނިމުމަކަށް އައި އިރުވެސް ދަނޑުވެރިން ބޭނުންވާ ވަރާ ގާތަށް ވެސް ބްރެޒިލްއަށް ވާރޭ ވެހިފައި ނުވާ ކަމަށް ބުނެއެވެ.

އެގައުމުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ސަރަހައްދުގެ ކޯރުތަކުން ފެން ހުސްވާން ކައިރިވެފައިވާ ކަމަށާއި، ހޫނު ގަދަވުމުގެ ސަބަބުން ދަނޑުވެރިކަމަށް ބޭނުންކުރާ ވަރަށް ބިންގަނޑު ހަރުވެފައި ހިކިފައި ހުރި ކަމަށް ބުނެއެވެ. ދިމާވެފައިވާ ހަނަފަސް ކަމުގެ ސަބަބުން ގަސްތައް ދިރިހުންނާނެ ކަމުގެ އުންމީދެއް ދަނޑުވެރިންނަކަށް ނެތެވެ.

ކޮފީ ގަހާއި، އޮރެންޖު ގަސްތައް މަދުވެ އެ ތަކެތި ފޯރުކޮށްދޭ ވަރަށް ވުރެ ގިނައިން މީހުން ޑިމާންޑު ކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ. ކަން މިހެން ވެއްޖެނަމަ، އިގްތިސާދީ ގޮތުން ބަލާއިރު، ދަތިތަކަކާ ކުރިމަތި ލާން ޖެހެއެވެ. ޑިމާންޑް ކުރާ ވަރަށް ސަޕްލައި ފޯރު ކޮށްނުދެވޭ ނަމަ މިތަކެތީގެ އަގު މާ ބޮޑަށް އުފުލިދާނެއެވެ. މީގެ ތެރޭގައި ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް ހިމެނިފައިވާއިރު، ބްރެޒިލްއަށް ދިމާވެފައިވާ ހަނަފަސްކަމުގެ ސަބަބުން ދުނިޔޭގައި ބަނޑުހައި ހޫނުކަން އިތުރުވެދާނެ ކަމަށް ދިރާސާ ކުރާ މީހުން ބުނެއެެވެ. ކޮވިޑް-19 އާލަމީ ވަބާއާ ގުޅިގެން މިހާރު ވެސް ދުނިޔޭގައި ކާބޯ ތަކެތި އެއްގައުމުން އަނެއް ގައުމަށް ފޯރު ކޮށްދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ބްރެޒިލްގައި އެންމެ ވަރުގަދައަށް ދަނޑުވެރިކަން ކުރަމުން އަންނަ ސަރަހައްދައް ފެން ނުލިބިއްޖެ ނަމަ، އެގައުމުން އުފައްދާ ކޮފީ އާއި އޮރެންޖުގެ މިންވަރު ޖެހިގެން އަންނަ ދެ އަހަރު ވެސް ދަށް ވެގެން ދާނެ ކަމަށް ތަޖުރިބާ ކުރާ މީހުން ބުނެއެވެ. މިދިޔަ އަހަރު ވެސް ބްރެޒިލްއަށް ފެން ނުލިބި ދަތިވުމުގެ ސަބަބުން ދަނޑުވެރިންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.