މިވަގުތު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރަނގަޅުވި ބަޔަކު ކަޅު ފަންގަސް ޖެހިގެން އިންޑިއާއިން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަޅު ފަންގަސް ބޮޑަށް ޖެހެނީ ކޮވިޑް ބަލީގެ ޝިކާރައަކަށްވާ މީހުންނަށެވެ. އެއީ ކޮވިޑްގެ ސަބަބުން ބަލި މީހުންގެ ދިފާއީ ނިޒާމު ދެރަކޮށްލާތީއެވެ. އަދި ހަކުރުބަލި، ކެންސަރު، ބޯންމެރޯހަދާފައި، ސުޓެރޮއިޑްފަދަ ބޭހުން ދިފާޢީ ނިޒާމު ދަށްނަމަ މިބަލި ޖެހުމަށް މަގުފަހިވާ ކަމަށާއި ކަނޑައެޅިގެން މިޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ކަމުގެ މާހިރުން ބުނެއެވެ.

އިންޑިއާގެ ހާލަތު ދުވަހަކު ވެސް ދަށް ނުވާ ވަރަށް ދަށްވެފައިވާއިރު، މިވަގުތު އެގައުމަށް ވަނީ އަނދިރި ދުވަސްތަކަކާއި އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައެވެ. އެއި ކޮވިޑް ނުނިމެނީސް މި ބަލި ކަމެއް އެގައުމުން ފެނުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވި ހަފްތާގައި އެގައުމުގައި ކަޅު ފަންގަސްގެ ހާހަކަށްވުރެ ގިނަ ވޭދަނަތް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 100 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، 90 ވަރަކަށް މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މިބަލީގައި މަރުވި މީހުންނަކީ އެއީ ކޮވިޑް ބަލިން ރަނގަޅުވި މީހުން ކަމަށް ވެސް ރިޕޯޓްތަކުން ދައްކައެވެ.

ބްލެކް ފަންގަސް ފެތުރެމުންދަނީ ނޭވާލާނިޒާމުން ފައްޓައިގެން ސިކުނޑިއަށެވެ. ހަށިގަނޑުގެ ލޭހޮޅިތަކުން ބަލީގެ ޖަރާސީމު ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ދެއެވެ. އާންމުގޮތެއްގައި ބަލީގެ ޖަރާސީމުގެ ސަބަބުން ނުރައްކާވާ ހިސާބަށް ދާ ގުނަވަންތަކުގެ ތެރޭގައި ހިތް، ހަންގަނޑު، ހުންކޮށި ނުވަތަ ސްޕްލީން ހިމެނެއެވެ.

މި ބަލި ޖެހިއްޖެނަމަ، ބޮލުގައި ރިއްސުން، ކެއްސުން، ނޭވާ ކުރުވުން، މޭނުބައިކޮށް ހޮޑުލުން، ކެއްސާއިރު ލޭއައުން ދަށްބަޑަށް ތަދުވުން ފަދަ އަލާތްތައް ހިމެނެއެވެ.