އަވައްޓެރި އިންޑިޔާގައި ހަ ބުރީގެ އިމާރާތެއްގެ އެތެރޭގައި ހުރި ބައެއް ވެއްޓި ހަތް މީހުން މަރުވެ ގިނަ ބަޔަކު އިމާރާތުގެ ދަށުގައި ތާށިވެފައިވާކަމަށް އެޤައުމުގެ މީޑިޔާތަކުން ބުނެފި އެވެ.

އިންޑިޔާގެ މަހާރަޝްތްރާގެ ނެހްރޫ ޗައުކް ގައި ހުރި މި އިމާރާތަކީ 26 އަހަރުވެފައިވާ އިމާރާތެކެވެ. މި އިމާރާތުގައި 29 ފްލެޓް ހުންނަ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެ އެވެ.

އިމާރާތުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިޔާގެ ސަމާލަތީ ބާރުތަކުން ކުރަމުންދާއިރު މިހާތަނަށް ހަތް މީހުންގެ ހަށިގަނޑު ވަނީ ހޯދާފަ އެވެ.

އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި 26 ބުރީގެ މި އިމާރުގެ ފަސްވަނަ ބުރިން ބޮޑުބައެއް ވަނީ ވެއްޓިފަ އެވެ.

މައުލޫމާތުލިބޭގޮތުގައި މި ހާދިސާ އަކީ އެ އިމާރާތް ވެއްޓުނު އަވަށުގައި މިމަސްތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. އެގޮތުން މިމަހުގެ 15 ގައި އިމާރާތެއްގެ ބައެއް ވެއްޓި ފަސް މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި 12 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެ އެވެ.

އިންޑިޔާގައި ގިނަ އަހަރުވެފައިވާ އިމާރާތްތައް ގިނަ ޢަދަދަކަށް ހުންނައިރު ގިނަ ތަންތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން މިފަދަ އެތައް ހާދިސާއެއް ފާއިތުވި އަހަރުތަކުގައި ވަނީ ހިނގާފަ އެވެ. އަދި ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާއިރު މިފަދަ ކަންކަން ރަނގަޅަށް މޮނިޓަރ ނުކުރެވޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އިމާރާތެއް ވެއްޓި ގިނަ ބަޔަކު މަރުވާ ކޮންމެ ފަހަރަކު ވެސް އިމާރާތްތައް މޮނިޓަރކޮށް އިނިސްޕެކްޓް ކުރާ ވާހަކަ ދެކެވެއެވެ. ނަމަވެސް އެކަމަށް މާބޮޑު އަމަލީ ސިފައެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު