ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައިވާ ތައިލޭންޑުގެ ޕުކެޓް ފަތުރުވެރިންނަށް ހުޅުވާލަން ނިންމައިފިއެވެ.

ތައިލޭންޑްގެ ޓޫރިޒަމް އޮތޯރިޓީ (ޓީއޭޓީ) އިން ބުނެފައިވަނީ، އަންނަ މަހުގެ އެކަކުން ފެށިގެން ޕުކެޓް ހުޅުވާލަން ނިންމާފައިވަނީ ބަލީގެ ހިރާސް ކުޑަ ގައުމުތަކުން އަންނަ ވެކްސިން ޖަހާފައިވާ ފަތުރުވެރިންނަށް ކަމަށެވެ.

އެގޮތުން އެގައުމުތަކުން އަންނަ ފަތުރުވެރިންނަށް ކަރަންޓީނަކާއި ނުލައި ޕުކެޓަށް ދެވޭނެ ކަމަށް އެއޮތޯރިޓިން ވަނީ ބުނެފައެވެ.

ޓީއޭޓީގެ ގަވާނަރު ޔުތަސަކް ސުޕަސޯން "ސީއެންއެން" އަށް ބުނީ، މިއަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު 129،000 ފަތުރުވެރިން ފުކެޓަށް އަންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ބޭރުން އަންނަ ފަތުރުވެރިން އެހެންތަނަކަށް ދިއުމުގެ ކުރިން މަދުވެގެން 7 ދުވަސް ފުކެޓުގައި މަޑު ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"މި މަރުހަލާގައި ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް އާދެވެނޭ. އެހެން ނަމަވެސް އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ނާދެވޭނެ" އޭނާ ބުންނެވެ.

އެއޮތޯރިޓިން ބުނީ، ބަލީގެ ހިރާސް ކުޑަ ރަށްތަކުގެ ލިސްޓެއް އެގައުމުން އާއްމު ކުރާނެ ކަމަށާއި އެހެން ނަމަވެސް އަދި އެއީ ކޮންކޮން ގައުމެއްކަން ކަނޑައަޅާފައިނުވާ ކަމަށެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ޕުކެޓަށް ދެވޭނެ ގޮތް ހަދަން ނިންމާފައިވާއިރު، ތައިލޭންޑްގެ ވެރިރަށް ބެންކޮކް ގައި ވެސް ކޮވިޑް-19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ވަނީ ލުއިތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު