ފަލަސްތީނަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އިޔާދް އަލް-ހަލަޤް ދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތައުލީމު ހޯދަމުން އަންނަ ސްކޫލަށް ތައުލީމު ހާސިލު ކުރުމަށެވެ. އެއީ މިދިޔަ އަހަރުގެ މޭއި މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހަކީ އިސްރާއީލް ފުލުހަކު އޭނާގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލި ދުވަހެވެ.

އިޔާދް އަކީ އޯޓިޒަމް މީހެކެވެ. އޭނާގެ މައިންބަފައިން ބުނާ ގޮތުގައި އޭނާގެ ސިކުނޑިއަކީ އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ސިކުނޑިއެކެވެ. އެހެންކަމުން މާ ގިނަ ކަންތައްތަކެއް 31 އަހަރުވި ނަމަވެސް އޭނާ އަކަށް ނޭނގެއެވެ.

"އިޔާދް އަކީ މި ގޭގެ ހަކަތަ، މިހާރު ގެ ވަނީ ފަޅުވެފައި" އިޔާދްގެ މަންމަ ރަނާ، 58 އަހަރު ބުނެފައިވެއެވެ.

އޭނާ ބުނީ، އެހެން މީހުންގެ ދިރިއުޅުމުގައި ކަންކަން ހިނގާ ގޮތަށް އިޔާދްގެ ދިރިއުޅުމުގައި ކަންކަން ނުހިނގާނެކަން އެނގޭތީ އިޔާދުގެ މުސްތަގުބަލު އުޖާލާ ކުރުމަށް އެ އާއިލާއިން އައީ އޭނާ އަށް ބޭނުންވާ ހުރިހާ އެއްޗެއް ދީގެން އުފަލާއި އެކީ ކަމަށެވެ. އާއިލާގެ ފަރާތުން ލިބެން ޖެހޭ ހުރިހާ އެއްބާރުލުމެއް އޭނާ އަށް ލިބެމުންދިޔަ ކަމަށް ރަނާ ބުންޏެވެ.

އިޔާދުގެ މަންމަ ރަނާ

އޭނާ އަށް ތައުލީމު ހޯދައި ދިނުމަށް ސްކޫލަކަށް ވައްދައިގެން ފަސް އަހަރު ވެފައިވާ ކަމަށާއި އެތަނުން އޭނާ އަށް ކައްކަން ވެސް ދަސްކޮށްދިފައިވާ ކަމަށް ރަނާ ވަނީ ބުނެފައެވެ. ސްކޫލުން ގިނަ ކަންތައްތައް ދަސްވުމުން އިޔާދް ގެއަށް އައި އެކަމާއި ފާޅުކުރެއެވެ.

އިޔާދް އަކީ އޯޓިޒަމް މީހެއް ކަމުން އެހެން މީހުންނާއި ވާހަކަ ދައްކަން ބޭނުން ވިއަސް އުނދަގޫތަކެއް ހުރި ކަމަށް ރަނާ ވަނީ ބުނެފައެވެ. ނަމަވެސް ގޭގައި ތިބޭ އެހެން މީހުންނާއި އެއްވަރަށް ގޭގެ އެކި މަސައްކަތް އޭނާ ކުރަކަން މައިންބަފައިން މިއަދު ފާހަގަ ކުރަނީ އިޔާދްގެ ހަނދާން އާކޮށްގެން ތިބެ ހިތާމައާއިއެކުއެވެ.

"ކޮންމެ ދުވަހަކު ގޭގެ ދޮރު ކައިރީ އިށީނދެގެން އިންނާނެ. ދެން އަޅުގަނޑު އިޔާދު އަށް އެކި ކަހަލަ ކަންކަން ދަސްކޮށްދެނީ. ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން" އެހެން މީހުން ބުނާ އެއްޗެއް ރަނގަޅަށް އެނގިގެން އިޔާދް އެކަމެއް ކުރާކަން ފާހަގަކޮށް ރަނާ ބުންޏެވެ.

އިޔާދުގެ ކިޔެވުމާއި އެކީ އޭނާ ދިޔައީ ވަޒީފާއަކަށް ނުކުތުމަށް ވެސް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން ވަޒީފާއަށް ނިކުތުން އޮތީ ލަސްކޮށްލަން ޖެހިފައެވެ. ވަޒީފާއެއް މިވަގުތު ނެތް ނަމަވެސް އެކަމާއި މާބޮޑު ވިސްނުމެއް ނެތި ކިޔެވުމާއިގެން ކުރިއަށް ދިއުމަށް އޭނާ ނިންމިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ބިރަކީ އިސްރާއީލެވެ. އިސްރާއީލް ސިފައިން އަންނަނީ ކުށެއް ނުކުރިއަސް ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކުރަމުންނެވެ. އޭގެ ތެރޭގައި އިޔާދު ހިމެނުނީ އޭނާ ސްކޫލަށް ދިޔަ މަގުމަތީގައެވެ.

ގެއާއި ކައިރީގައި އޭނާގެ ސްކޫލު ހުރިނަމަވެސް، އެސަރަހައްދަކީ އިސްރާއީލުގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ސަރަހައްދެއްކަން ރަނާ ފާހަގަ ކުރިއެވެ. އެއީ އެތަނުގެ ކައިރީގައި މަސްޖިދުލް އަޤްސާ ހުންނާތީއެވެ. މީގެ ކުރިން އޭނާ އެސަރައްދުން ދާއިރު، އިސްރާއީލް ސިފައިން އޭނާ ހުއްޓުވައެވެ. އެހެން ނަމަވެސް އިޝާރާތުން ވާހަކަ ދެއްކުމުން އޭނާ ދޫކޮށްލައެވެ.

ފަލަސްތީނުގެ ރައްޔިތުން ކުރަހާފައިވާ އިޔާދުގެ ކުރެހުމެއް

އިސްރާއީލް ސިފައިންގެ މީހަކު އިޔަދުގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ އެމީހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ބުނެއެވެ. އެއީ އެސަރަހައްދުގައި ހަތިޔާރު ހިފައިގެން އުޅޭ މީހަކު އުޅޭ ކަމަށް ލިބުނު މައުލޫމާތެކެވެ. އެވަގުތު އެސަރަހައްދުގައި އިޔާދު ހުރުމާއި އެކީ އިތުރަށް އެއްވެސް ކަމަކަށް ނުބަލާ އިސްރާއީލްގެ އަނިޔާވެރި ސިފައިން އޭނާ ޝަހީދުކޮށްލީއެވެ.

ރަނާ ބުނީ، އެ މަންޒަރު ފެންނަ ވީޑީއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އިސްރާއީލްގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުތަކން އެވީޑިއޯއިން ފެންނަ ކަމަށެވެ.

މިދިޔަ މަހުން ފެށިގެން އިސްރާއީލުން އަންނަނީ އަނެއްކާވެސް އަނިޔާވެރިކަން އިތުރުކޮށް ފަލަސްތީންގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާތައް އިތުރު ކުރަމުންނެވެ. ނަމަވެސް ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސުބްހަާނައް ﷲ

    19
  2. އަހުމަދު

    ޔާ ﷲ . އިސްރާއީލްގަ ތިބި ނުބައި އަނިޔާވެރިންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކުރައްވާ އަނިޔާވެރިންނަށް އިބުރަތަކަށް ވާނެ ފަދައިން އެބައިމީހުން ވޭނީ ހަލާކަކުން ހަލާކު ކުރައްވާ ފާންދޭވެ. އާމީން.