އިންޑިއާ ސަރުކާރުން ލަކްޝަދީޕް "ހަލާކުކޮށްލާ" ރައްޔިތުންގެ އެތައް ހައްގަކަށް އަރައިގަތުމަށް ކުރިއަށްގެންދާ ޖަރީމާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ލަކްޝަދީޕްގެ ރައްޔިތުން ކުރިއަށް ގެންދަން ނިންމި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު އިއްޔެ ފަށައިފިއެވެ.

ލަކްޝަދީޕްގެ ރައްޔިތުން މިހަޅުތާލު ކުރިއަށް ގެންދަނީ ކޮންމެހެން އެމަޖެންސީ ހާލަތްތަކުގައި ހިދުމަތް ދޭން ޖެހޭ ތަންތަން ފިޔަވައި އެހެން ހުރިހާ ވިޔަފާރިއަކާއި އޮފީސްތަކަކާއި މަސައްކަތް ކުރާ އެހެން ހުރިހާ ތަނެއް ވެސް ބަންދުކޮށްގެންނެވެ. މިހަޅުތާލުގައި ބައިވެރިވުމުގެ ގޮތުން އިއްޔެ އާއި މިއަދު ލަކްޝަދީޕްގެ މަސްވެރިން މަހަށް ވެސް ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދަނީ ގޭގައި ނުކައި ނުތިބެގެންނެވެ. ހަޅުތާލުގައި ބައިވެރިވާ މީހުން ގެންދަނީ އިންޑިއާ ސަރުކާރުން މިހާރު ލަކްޝަދީޕްގައި ތަންފީޒު ކުރަން ތައްޔާރުވާ ސިޔާސަތުތަކާއި ދެކޮޅުކަން ހާމަކުރުމުގެ ލިޔުންތައް ހިފައިގެން ތިބެ ފޮޓޯ ނަގައި އެފޮޓޯތައް މީސް މީޑިއާގައި އާއްމު ކުރަމުންނެވެ.

މިހަޅުތާލު 12 ގަޑިއިރު ވަންދެން ކުރިއަށް ގެންދާނެއެވެ.

އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި ލަކްޝަދީޕްގައި އަލަށް ތަންފީޒު ކުރަން ފަށާ ސިޔާސަތުތަކުގެ ބޭނުމަކީ "ދެވަނަ ދިވެހިރާއްޖެއެއް" ތަރައްގީ ކުރުމެވެ.

ލަކްޝަދީޕްގައި އަލަށް ތަންފީޒު ކުރަން ފަށާ ސިޔާސަތުތަކުގެ ތެރޭގައި ދެދަރިންނަށްވުރެ ގިނަ ކުދިން ތިބޭ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭ ގޮތް ހެދުމާއި ގެރި ގެންގުޅުމާއި ގެރިމަސް ކެއުން މަނާ ކުރުމާއި ބަނގުރާ ވިއްކުން ހުއްދަ ކުރުން ވެސް ހިމެނެއެވެ. އާބާދީގެ %98 މުސްލިމުން ހިމެނޭ ލަކްޝަދީޕްގެ ރައްޔިތުން ގެންދަނީ އިންޑިއާ ސަރުކާރުގެ މިސިޔާސަތާއި ދެކޮޅަށް ހުއްޓުމެއްނެތި އަޑުއުފުލަމުންނެވެ.

ރާއްޖޭގެ އުތުރުން އޮންނަ ލަކްޝަދީޕަކީ މަލިކް ހިމެނޭ އަތޮޅެވެ. ޖުމްލަ 36 ރަށް ހިމެނޭ މިޓެރިޓަރީގެ އާބަދީ 64000 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޭބަލި

    މަލިކުއަކީ އެއްގައުމެއް ނޫންތަ

    6
    3
  2. މާމިގިލީ މީހާ

    ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާނީ މޮޔައިން. ތިޔޭގެ ގެއްލުން ވަނީ ސަރުކާރައްތަ، ނޫނީ ކަލޭ މެންގެ ހަށިގަޑައްތަ. ކަލޭމެން ނުކައި ތިބީޔާ، ސަރުކާރަށް ކޮންކަމެއް. ސަރުކާރަކުން ނާންނާނެ ކަލޭމެންނައް ކާންދޭކަށެއް.

    6
    10
    • އައްޑޫ ޝަކުވާ ބޯޓު

      ލިޔާނެ އެއްޗެއް ނޭގިގެން އުޅެންނާ ކޮމެންޓް ނުކޮށް ތިބެބަލަ... ކަލޭވެސް އަބްދުލްމުޙައިމިން ވެސް ވާހަކަ.

  3. ޢަބްދުލްމުހައިމިން

    "ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރިއަށް ގެންދަނީ ގޭގައި ނުކައި ނުތިބެގެންނެވެ" މާނަ އަކީ ހަޅުތާލު ކުރިޔަށް ގެންދަނީ ކައިގެންނޭ ދޯ!

    2
    3
  4. އަމީޒާ

    ފެނޭބާ އިންޑިއާގެ ބާރެއް ހިނގާ ތަނެއް އޮތިއްޔާ މުސްލިމިންނަށް ޖައްސަމުންދާ ދުއްތުރާ. ސިޔާސީ ފައިދާ އާއި މަދު ފައިސާ ކޮޅަކަށް ދީނާއި ގައުމު ވިއްކާލަން ވަކާލާތު ކުރާ ސިޔާސީ މީހުނަށް ނޯ ބުނަން ޖެހޭ އެބަ. އިންޑިއާގެ ކޮންސުލޭޓް އަޅާ، ހެލިކޮޕްޓަރު ދުއްވަން ނަމުގަ އިނޑިއާ މީހުން ގެނެސް ރާއްޖޭގަ އާބާދު ކޮށް އެމީހުނަށް ބާރުތަށް ޖަމާކުރުމުން ފަހުން ވާނެ ގޮތަކަށް ވިސްނަން ނުޖެހޭތޯ ރައްޔިތުން.