ކޮވިޑް-19 ޖެހިގެން މިހާރު ގިނަ އަދަދެއްގެ ބަޔަކު ނިޔާވަމުން ދިޔަ ނަމަވެސް އެކަން ހުއްޓުވިދާނެ ނުވަތަ މަދުކުރެވިދާނެ ފަރުވާއެއް ހޯދުމާއި ދާދިގާތައް ދެވިއްޖެ ކަމަށް ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

ތެލްއަވީވްގެ ސައިންސްވެރިންގެ ޓީމަކުން ބުނީ ކޮވިޑް ޖެހިގެން ގިނަ ބަޔަކު ނިޔާވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް ޖެހުމާއިއެކު ހަށިގަނޑުގެ ޓީސެލްތައް އޯވަރިއެކްޓް ކުރުން ކަމަށެވެ. ޓީސެލްތަކަކީ ބަލިތަކުން ރައްކާތެރި ކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ސެލްއެވެ. ކޮވިޑްގެ ވައިރަސް ހަށިގަނޑަށް ވަނުމާއިއެކު މިސެލްތަކުގެ މަސައްކަތް މާބޮޑަށް ގިނަވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކުޅަދާނަ ނުވާވަރުވެގެން މީހުންގެ ހާލަތު ދަށަށް ދަނީ ކަމަށް ސައިންސްވެރިންގެ ޓީމުން ބުނެއެވެ.

މިޓީމުން ބުނާ ގޮތުގައި ޓީސެލްތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ބޭހުން ކުރެވިދާނެ ކަމެކެވެ. ކޮވިޑް ޖެހޭ މީހުންނަށް ބޭހެއް ދީގެން ޓީސެލްތަކުގެ ހާލަތު ރަނގަޅު ކުރެވޭނެތީ މިހާރު ސައިންސްވެރިންގެ ޓީމުން ކުރަމުން އަންނަނީ މިކަމަށް އެންމެ ރަނގަޅު ވާނީ ކޮން ބޭހެއްތޯ ބެލުމުގެ މަސައްކަތެވެ. ސައިންސްވެރިންގެ ޓީމުން ބުނާ ގޮތުގައި ބޭސް ދޭނެ މިންވަރާއި ދޭނެ ބޭހެއް ކަށަވަރު ކުރުމުގެ ތަހްލީލްތައް މިހާރު ކުރިއަށް އެބަދެއެވެ.

ސައިންސްވެރިންގެ ޓީމުން އުއްމީދު ކުރަނީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ޓީސެލްތަކުގެ ހާލަތު ރަނގަޅު ކުރެވިދާނެ ބޭހެއް ދީގެން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އަށް މިހާރު ގިނަ އަދަދެއްގެ ވެކްސިންތަކެއް ބޭނުން ކުރެވެމުން ދިޔަ ނަމަވެސް ވެކްސިނަކީ ވައިރަހުން ރައްކާތެރި ކުރެވޭނެ ކަމުގެ %100 ޔަގީންކަން އޮތް އެއްޗަކަށް ނުވާތީ ކޮވިޑް ބަލި މީހުންނަށް ދިނުމަށް ބޭހެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށް ސައިންސްވެރިން އަންނަނީ ބުނަމުންނެވެ. އަދި މިހާތަނަށް ކޮވިޑް ބަލި މީހުންނަށް ދޭނެ ވަކި ހާއްސަ ބޭހެއް ނެތެވެ. ނަމަވެސް މިއަހަރު ނިމެން ވާއިރަށް ބޭހެއް ލިބިދާނެ ކަމަށް ބައެއް ކުންފުނިތަކުން ވަނީ ބުނެފައެވެ.

މިހާރު 174 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 3.7 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓުކުރި

    ގަބޫލު ނުކުރިއަސް ޙަގީގަތް ވަރައްސާފު ފަރުވާކުޑަވެގެން ގިނަ މީހުން މަރުވީ