ހަނދު، އިރުގެ ކުރިމަތިން ދައުރުވުމުން އުފެދޭ އިރުކޭތަ ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް މިއަދު ފެންނާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި "ރިންގް އޮފް ދަ ފަޔާ" ފެންނާނީ ކެނެޑާގެ އުތުރު ސަރަހައްދުތަކަށާއި ގްރީންލޭންޑް އަދި އާކްޓިކްއަށެވެ. އެމެރިކާ، ޔޫރަޕް އަދި އޭޝިއާ ފަދަ ހެމިސްފެއާގެ އުތުރުގެ ސަރަހައްދުތަކަށް އިރުކޭތަ ފެންނާނީ މުޅިން ފުރިހަމަ ނުވާ މަންޒަރެއްގެ ގޮތުގައެވެ.

މި އިރުކޭތަ ފެންނަން ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރު 1:15 އިން ފެށިގެންނެވެ. އިރުކޭތަ ހިފާ ނިމުމަކަށް އަންނާނީ އިރުއޮއްސި ހައެއް ޖަހާއިރުއެވެ.

އެހެން އަހަރުތަކާއި ހިލާފަ މި އަހަރު އިރުކޭތަ ފުރިހަމަވަމުން އަންނަ އިރު، ހަނދު ދަތުރު ކުރާނީ އިރުގެ ސީދާ މެދާ ދިމާލަކުން ނޫނެވެ. އޭގެ ބަދަލުގައި ހަނދު ދަތުރުކުރަމުންދާ ގޮތަކުން އިރުގެ ތަންކޮޅެއް ނުފެންނާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން އިރުގެ ނުފެންނާނީ ކޮން ސައިޒެއްގެ ތަންކޮޅެއްކަން އެނގޭނީ ބަލާ މީހާ ހުންނަ ސަރަހައްދެއްގެ ގޮތުންނެވެ.

އިރުކޭތަ ހިފާ ވަގުތު ނާސާއިން ވަނީ ލައިވް ކުރަން ނިންމާފައެވެ. ޖައްވީ އިދާރާ، ނާސާއިން ރިޕޯޓު ކުރާ ގޮތުން އިރުކޭތަ ހިފަނީ ކޮންމެ 18 މަހަކުން ކަމަށް ވާއިރު، އިރުކޭތަ ހިފާ މަންޒަރު ފެނިގެންދަނީ ދެތިން މިނެޓަށެވެ.

އިރުކޭތަ ހިފަނީ ހަނދު ދުނިޔެ އާއި އިރާ ދެމެދުން ދަތުރުކޮށް، އިރުގެ އަލިކަން ދުނިޔެއަށް ނުފެންނަހެން ހަނދު ހުރަސްވުމުންނެވެ. ނަމަވެސް، ހަނދާއި ދުނިޔެއާ ދެމެދުގައި ހުންނަ ދުރުމިނުގެ ތަފާތަކުން ހަނދު ކުޑަހެން ހީވެ، އިރުގެ އަލިކަން މުޅިން ފަނޑުވެގެން ނުދަނީއެވެ. މިހެން ކަންތައް ވުމުން ބަލާ ބެލުމަށް ހަނދުގެ ވަށައިގެން އަލިފާން ފަށަލައެއް ހުންނަހެން ހީވަނީއެވެ.

ކިޔުންތެރިންގެ ހިޔާލު