ޖަޕާނުގައި މި އަހަރު ބާއްވާ އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ އެތްލީޓުންނަށް ޗައިނާގެ ކިޓުތަކެއް ހަމަޖެއްސި ނަމަވެސް އިންޑިއާގެ އެތްލީޓުން އެ ކިޓުތައް ބޭނުން ނުކުރާނެ ކަމަށް އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަން (އައިއޯއޭ) އިން ބުނެފިއެވެ.

އޮލިމްޕިކް ގޭމްސްގެ ކިޓުތަކުގެ ގޮތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ކުޅިވަރު ސާމާނު އުފައްދަމުން އަންނަ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލި ނިންގްގެ ކިޓްތަކެކެވެ. ލި ނިންގްއަކީ ޗައިނާގެ ބްރޭންޑަކަށްވާ އިރު، އެ ކުންފުނިން ބޫޓާއި ޖާޒީ އާއި ސޯޓު ފަދަ ތަކެތި ވިއްކައެވެ.

ނަމަވެސް، އިންޑިއަން އޮލިމްޕިކްސް އެސޯސިއޭޝަނުން ނިންމާފައި ވަނީ އެއްވެސް ބްރޭންޑެއްގެ ކިޓުތަކެއް ބޭނުން ނުކުރަން ނިންމައިފައެވެ.

ޗައިނާ އާއި އިންޑިއާއަކީ އަބަދުވެސް "ހަތުރުން" ގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ދެ ގައުމެވެ. ދެ ގައުމުގެ މެދުގައި ވަރަށް ބޮޑަށް ވާދަވެރިކަން އޮތް އިރު، އިންޑިއާގެ ސިޔާސަތުތަކާއި ޗައިނާގެ ސިޔާސަތުތަކާ އެއްގޮތެއް ނޫނެވެ.

ޗައިނާ އާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވަނީ މިދިޔަ އަހަރު ހިމަލަޔަން ބޯޑަރު ކައިރީގައި ޗައިނާ ސިފައިންނާއި އިންޑިއާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އިންޑިއާގެ 20 ސިފައިން މަރާލާފައި ވަނިކޮށެވެ.

ޗައިނާގެ ކުންފުނިން ތައްޔާރު ކުރި އޮލިމްޕިކް ކިޓުތައް އާންމުކޮށްފައި ވަނީ މީގެ ހަ ދުވަސް ކުރިންނެވެ.

އެކަމާ ގުޅިގެން އިންޑިއާ އިން ބުނެފައި ވަނީ ޗައިނާގެ ކިޓުތައް ބޭނުން ނުކުރަން ނިންމީ އިންޑިއާ ރައްޔިތުންނަށްޓަކައި ކަމަށެވެ.

"އަހަރުމެންނަށް އެނގިފައި ވަނީ ސަޕޯޓަރުންގެ ހިޔާލުތައް، އެހެންވެ ނިންމީ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން." އައިއޯއޭގެ ރައީސް ނަރިންދަ ބަޓްރާ އަދި ސެކްރެޓަރީ ޖެނެރަލް ރަޖީވްމ މެހްތާ ނެރުއްވި ބަޔާނުގައިވެއެވެ.

"އަހަރުމެންގެ އެތްލީޓުން، ކޯޗުން އަދި ސަޕޯޓު ސްޓާފުން އެއްވެސް ބްރޭންޑެއް ބޭނުން ނުކުރާނެ،"

މި އަހަރުގެ އޮލިމްޕިކްސް ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 23 ގައެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ އޮލިމްޕިކްސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި އަހަރުގެ ގޭމްސްގައި 33 ކުޅިވަރަކުން 339 އިވެންޓް އޮންނާނެއެވެ. އަދި ދުނިޔެ 205 ގައުމަކުން 11،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ދެގެރި ކޮނޑަށްލައިގެން ދޭ އެއިރުން ބަރާބަރުވާނެ !!