އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ގޮސް ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޔޫނިއަން ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.

އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ފައްސި ވެފައިވަނީ 80،834 މީހުން ކަމަށް ޔޫނިއަން ހެލްތް މިނިސްޓްރީއިން ރިޕޯޓު ކޮށްފައިވެއެވެ.

ޖެހި ޖެހިގެން 20 ދުވަސް ވަންދެން އެ ގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓް 10 އިންސައްތައަށް ވުރެ ދަށުގައި ހުރި އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވީ މީހުންގެ އިންސައްތަ އަކީ 4.25 އެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ގައުމުން ކޮވިޑަށް ފައްސިވެ ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު އެންމެ ދަށްވެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައެވެ. އެ ގައުމުން މިހާތަނަށް ކޮވިޑަށް ފަައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 2,94,39,989 އަށް އަރައިފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން ކޮވިޑް ބަލީގައި 3،303 މީހަކު މަރުވެފައިވާއިރު، އެގައުމުން މިހާތަނަށް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 3,70,384 އަށް އަރައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް 1,32,062 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2,80,43,446 އެވެ. ކުރިޔާ އަޅައި ބަލާއިރު، ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ ވަނީ 95.26 އަށް ބަދަލުވެ، ކުރިއެރުން ހޯދާފައެވެ.

އިންޑިއާގައި ކޮވިޑުން ދިފާއުވުމަށް ހަރުދަނާ ވެކްސިން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ފާއިތުވި ދެދުވަސް ތެރޭގައި އެގައުމުން 34,84,239 މީހަކަށް ކޮވިޑް ވެކްސިން ދީފައިވާއިރު، ވެކްސިން ޖަހާފައިވާ މީހުންގެ ޖުމުލަ އަދަދު 25,31,95,048 އަށް އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު