ޗައިނާއިން ކުރިޔަށް ގެންދާ ޖައްވީ މިޝަން ފުރިހަމަ ކުރުމަށް ތިން އެސްޓްރޮނައުޓުންނާއެކު ޝެންޒައު-12 ރޮކެޓު ޖައްވަށް ނައްޓާލައިފިއެވެ.

މި އުޅަނދު ނައްޓާލާފައި ވަނީ ޗައިނާގެ ގަޑިން ރޭ ދަންވަރު 01:22 ގައެވެ. މިއީ 2016 ވަނަ އަހަރުގެ ފަހުން ޗައިނާއިން އިންސާނުން ޖައްވަށް ގެންދާ ފުރަތަމަ މިޝަންއަށް ވެފައި، ޗައިނާއިން އެންމެ ގިނަ ދުވަސް ވަންދެން ޖައްވުގައި އިންސާނުން ބޭތިއްބުމަށް ރާވާފައި އޮތް ޕްރޮގްރާމެވެ. މައުލޫމާތު ދީފައިވާ ގޮތުން މި ޓީމު ޖައްވުގައި މަޑުކުރާނީ ތިން މަސް ދުވަސް ވަންދެންނެވެ.

މި މިޝަންގައި އުފުލާފައިވަނީ ތިން ފިރިހެން އެސްޓްރޮނައުޓުންނެވެ. އެއީ ނީ ހެއިޝަންގް، ލިއޫ ބޮމިންގް އަދި ޓޭންގް ހޮންގްބޯއެވެ.

ޗައިނާއިން ވަނީ މިދިޔަ އެޕްރީލް މަހު ސްޕޭސް ސްޓޭޝަނެއް ބިނާކުރަން ފަށައިފައެވެ. މި ޓީމަކީ އެ މަސައްކަތް ފުރިހަމަކުރުމަށް ޖައްވަށް ފޮނުވާ ޓީމެއް ކަމަށް ބުނެފައިވެއެވެ. އެހެން ފަހަރުތަކުގައި ޗައިނާއިން ޖައްވައް އެސްޓްރޮނައުޓުން ފޮނުވަނީ ވަގަށް ކަމަށާއި، މިފަހަރު އެއާ ހިލާފަ އާންމުންނަށް ފެންނާނެހެން ފޮޓޯ އާއި ވީޑިއޯ ވަނީ އާންމު ކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ އަމާޒަކަށް ވެފައިވަނީ 2030 ވަނަ އަހަރު ހަނދަށް ދަތުރުކުރަން ފަސޭހަވެގެންދާނެ މަގެއް ހޯދުމަށާއި، މާސްއަށް އިންސާނުން ފޮނުވުމުގެ މަސައްކަތް ކުރުމަށެވެ. ރަޝިޔާ އާއި އެމެރިކާއިން ޖައްވީ ކަންކަމުގައި ބޮޑެތި ހޭދަތައްކޮށް، އާ ކަންތައްތަކެއް ދެނެގަންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއިން ބަލަނީ އެގައުމުތަކާ އެއްވަރަކަށް ޖައްވީ ކަންކަމުގައި ކުރިއެރޭތޯއެވެ.

ޗައިނާއިން ވަނީ މިދިޔަ މަހު ހަނދަށް އުޅަނދެއް ވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު