ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު އޮޅި، އެންމެ ފަހުން މައްސަލަ ގޯސްވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މައްސަލަ ގޯސްވީ ލަންކާގައި ކޮވިޑް ޖެހިގެން މިމަހުގެ 11 ވަނަ ދުވަހު 101 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކުރުމުންނެވެ. އެދުވަހު ގިނަ އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން މަރުވުމުން ލަންކާގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުން މަނާކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

ނަމަވެސް މިއަދު ލަންކާ ސަރުކާރުން ބުނީ ޖޫން މަހުގެ 11 ވަނަ ދުވަހު ކޮވިޑް ޖެހިގެން ގިނަ އަދަދެއްގެ މީހުން މަރުވިކަމަށް ރިޕޯޓް ކޮށްފައި ވަނީ އޮޅިގެން ކަމަށާއި އެއީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން 10 އާއި ދެމެދު ކޮވިޑްގައި މަރުވި މީހުންގެ ތެރެއިން ކޮވިޑް މަރުކަމަށް ކަނޑަނާޅައި ތިބި މީހުން ލިސްޓަށް އިތުރު ކުރުމުން އައި ބަދަލެއް ކަމަށެވެ. މިހާރު ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ޖޫން 11 ވަނަ ދުވަހު ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 15 މީހުންނެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒުވީ ކުރިން މަރުވެފައިވާ ބަޔަކު ލިސްޓަށް އިތުރު ކުރިއިރު އެކަން ސަރުކާރަށް ނޭނގި އޮތުމުންނެވެ. އަދި އެނަމްބަރަށް ބަލައި ކޮވިޑުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމުންނެވެ.

ލަންކާގައި މަރުވާ އެންމެން ވެސް މިހާރު ކޮވިޑަށް ޓެސްޓް ކުރެއެވެ. ނަމަވެސް ކޮވިޑް ޓެސްޓްގެ ނަތީޖާ ލިބުން ލަސްވެގެން ގިނަ ބައެއްގެ ޖަނާޒާ ކުރިއަށް ނުގެންދެވި ލަސްވަމުންދާ ކަމުގެ ޝަކުވާ އާއްމުން ގެންދަނީ ކުރަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފުރަތަމަ އެންމެ ކާމިޔާބު މަސައްކަތްތައް ކުރި ގައުމުތަކުގެ ތެރޭގައި ލަންކާ ހިމެނުނެވެ. ނަމަވެސް ފަހަކަށް އައިސް އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. މިހާރު ލަންކާ އިން ދުވާލަކު ދެހާހަށްވުރެ ގިނަ މީހުން އަންނަނީ ކޮވިޑަށް ފައްސިވަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ލަންކާ އިން ވެސް މިހާރު ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. ލަންކާ ސަރުކާރުން ބުނާ ގޮތުގައި ވެކްސިން ޖަހަމުންދާ މީހުންގެ އަދަދަށް ބަލާއިރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ލަންކާގެ ހާލަތު ހަމައަކަށް އެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު