ކޮވިޑް-19 ޖެހުނު 105 އަހަރުގެ ފިރިހެނަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.

އިންޑިއާ އަށް އުފަން އެ މީހާ ކޮވިޑަށް ފައްސިވެގެން ފަރުވާދިނުމަށް ގެންދިޔައީ ގައުހަތި މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް(ޖީއެމްސީއެޗް) އަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ މި މަހުގެ ކުރީކޮޅެވެ.

މީދް އަލީ ނަމަކަށް ކިޔާ އެމީހާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، އޭނާގެ ހާލު މިހާރު ރަނގަޅެވެ.

ކޮވިޑް-19 އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމަކަށްވާ އިރު މި ބަލި ފުރަތަމަ ފެނިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. ފުރަތަމަ ޗައިނާގެ ވުހާން ހިމެނޭ ހުބޭއި އިން މި ބަލި ފެނިފައިވާއިރު މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ މި ބަލި ފެތުރިފައެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހި މިހާތަނަށް އެތައް މިލިއަން މީހުންގެ ފުރާނަ ގޮސްފައިވާ އިރު ބަލިން ރައްކާތެރިވުމަށް މިހާތަނަށް އެތައް ވެކްސިނެއް ވަނީ އުފައްދައިފައެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާކުރާ ބަލިމީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން ހިމެނެއެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު އިރު 105 އަހަރުގެ މީހަކު ކޮވިޑް ބަލި ޖެހި ރަނގަޅު ވުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވިއެވެ.

މީގެ ކުރިންވެސް އުމުރުން ދުވަސްވީ މީހުން ކޮވިޑަށް ފައްސިވެ ރަނގަޅުވެފައި އެބަހުއްޓެވެ. ނަމަވެސް އެއީ ވަރަށް މަދު އިންސައްތައެކެވެ.

ކިޔުންތެރިންގެ ހިޔާލު