ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިންގެ އެއް ބިލިއަނަށް ވުރެ ގިނަ ޑޯޒް ޗައިނާގައި ދީފިއެވެ.

އެންމެ ބޮޑު އާބާދީއެއް އޮންނަ ގައުމުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޗައިނާގައި ބިލިއަނަކަށް ވުރެ ގިނަ ވެކްސިން ޑޯޒް ޖަަހާފައިވާކަން ނޭޝަނަލް ހެލްތް ކޮމިޝަން (އެންއެޗްސީ)އިން ހާމަ ކޮށްފައިވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް ބަލައި ވެކްސިން ޑޯޒް ދީފައިވާ ޖުމްލަ އަދަދު 2.5 ބިލިއަނަށް އެރުމުންނެވެ.

ޗައިނާގައި ދެމުން ގެންދަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ފުރިހަމަ ކުރަންޖެހޭ ވެކްސިނެވެ. އެންއެޗްސީއިން ޗައިނާގައި އެއް ބިލިއަން ވެކްސިން ޑޯޒް ދީފައިވާ ކަމަށް ބުނާ އިރު، ވެކްސިން ދީފައިވަނީ ކިތައް މީހުންނަށްކަން ހާމަ ކޮށްފައެއް ނުވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޗައިނާގައި ވެކްސިން ޕްރޮގްރާމުތައް ފުރަތަމަ ފަށައިގަނެފައިވަނީ ވަރަށް ލަސްލަހުންނެވެ. ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ޗައިނާގައި ވެކްސިން ދީފައިވާއިރު، އޭގެ ތެރެއިން 500 މިލިއަން ޑޯޒް ވެކްސިން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެެ.

ކަމާއިބެހޭ ފަރާތްތަކުން ބުނަނީ ޗައިނާގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެގައުމުގެ އާބާދީގެ 40 އިންސައްތަ މީހުން ވެކްސިން ޖެހުމެވެ.

މީހުން ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ދަނީ ވެކްސިން ޖަހާ މީހުންނަށް އިނާމު ދެމުންނެވެ. އެގޮތުން ސެންޓްރަލް އަންހުއި ޕްރޮވިންސްގެ މީހުން ވެކްސިން ޖެހުުމުން ހިލޭ ބިސް ދެމުން ގެންދާއިރު، ބެއިޖިންގްގެ މީހުންނަށް ވެކްސިން ޖެހުމުން ލިބެނީ ވިޔަފާރި ކުރުމަށް ކޫޕަނެކެވެ. މި އުސޫލުތައް ކަނޑައަޅައިގެން މީހުން ވެކްސިން ޖެހުމަށް ބާރުއަޅަން މަޖުބޫރުވެފައިވަނީ ޗައިނާގައި ދެފުށް ފެންނަ ސިޔާސަތުތަކެއް ނުގެންގުޅުމާއި އެކު މީހުން ވެކްސިން ޖަހަން ޖެހިލުން ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު