އަވައްޓެރި އިންޑިޔާގައި ކޮވިޑް-19 ގެ އާ ވޭރިއެންޓު، ޑެލްޓާ ޕްލަސް ވޭރިއެންޓު ފެތުރި ބިރުވެރިކަމެއްގެ ތެރެއަށް އަނެއްކާ ދާން ޖެހިއްޖެ އެވެ.

އިންޑިޔާގެ ތިން ހިސާބަކުން މިހާތަނަށް ޑެލްޓާ ޕްލަސް ވޭރިއެންޓު ފެނިފައިވާއިރު ގިނަ މީހުން އެއްވެ ބާއްވާ ހަރަކާތްތައް ނުބޭއްވުމަށާއި ކޮވިޑުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އެޤައުމުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.

މިހާތަނަށް ޑެލްޓާ ޕްލަސް ފެނިފައިވާ ހިސާބުތަކަކީ މަހަރަޝްތްރާ، ކެރަލާ އަދި މަދްޔަ ޕްރަދޭޝް އިންނެވެ. މިހާތަނަށް މިސަރަހައްދުތަކުން ޑެލްޓާ ޕްލަސް ވޭރިއެންޓުގެ 22 ވޭދަނަ ވަނީ ފެނިފައެވެ.

ހެލްތް ސެކެޓްރީ ރަޖޭޝް ބުޝާން ބުނީ ޑެލްޓާ ވޭރިއެންޓުން ސަލާމަތް ވުމަށް ކޮވިޝިލްޑް ވެކްސިން އާއި ކޯވެކްސިން އަވަށް ޖެހުން މުހިއްމު ކަމަށެވެ..

އިންޑިޔާގައި ޑެލްޓާ ޕްލަސް ވޭރިއެންޓު ހޯދިފައި ވަނީ އެޤައުމުގެ ސަރުކާރުން ކޮވިޑްގެ ހާލަތު ބެލުމަށް އެކި ހިސާބުތަކުގައި ނެތި ސުންކު ތަކުންނެވެ. އިންޑިޔާގެ ޤައުމީ ދިހަ ލެބޯޓަރީއަކުން މި ސުންކުތައް ނަގައި ތަހުލީލު ކޮށްފައިވާއިރު ޑެލްޓާ ޕްލަސް އަކީ ކުރިން ފެނުނު ވޭރިއެންޓުތަކަށްވުރެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

އިންޑިއާގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައި ވަނިކޮށް އެގައުމުގެ ހާލަތު ގޯސްވާން ފެށީ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުންނެވެ. ފަސޭހައިން ގައިންގަޔަށް އަރާ ޑެލްޓާ ވޭރިއަންްޓްގެ ސަބަބުން އިންޑިއާގެ ހޮސްޕިޓަލްތައް ފުރި، ހާލަތު ކޮންޓްރޯލުން ނައްޓާލިއެވެ. ނަމަވެސް ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން މިމަހު އަދަދުތައް ވަނީ މަދުވާން ފަށާފައެވެ.

މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް އަލަށް ފެނުނު ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ހާލަތު އަނެއްކާވެސް ގޯސްވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

އިންޑިޔާއަށް ކޮވިޑްގެ ތިންވަނަ ރާޅު އަރައި އެތައް ހާސް ބަޔަކު މަރުވެ އެތައް ބަޔަކު ފައްސިވެފައިވާއިރު އަލަށް ފެނުނު ވޭރިއެންޓުގެ ސަބަބުން އެޤައުމުގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން މިހާރު ވެސް ބުނަން ފަށައިފިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޫފި

    ތިޔަ ވޭރިއެންޓަށް ކިޔަނީ ގެރިޕްލަސް.

    17
    1
  2. ޢަންޓޭ

    ތިވޭރިއެންޓްގެ ވާހަކަ ގަބޫލެއް ނުކުރަން. ޜައްކާތެރިކަމުގެ ފިޔަވަޅުތައް ދޫވާ ކޮންމެތަނެއްގައި ބާރަށް ފެތުރޭ ކޮންމެވޭރިއަންޓްއެއްވެސް. ޢައުލާކަން ބޮޑީ ރައްކާތެރި ފިޔަވަޅު ވަރުގަދަކޮއްފައި ބެހެއްޓުން.

  3. ޖާބެ

    އަވަހައް ގިނަބަޔަކު ގެނޭ އެތަނުން ޓުއަރިޒަމްއޭކިޔާފަ

  4. ބަކަރި

    އަނެއް ފަހަރު އިންޑިޔާތައް ރާއްޖެއަށް ގެނޭ.. އޭރުން ހުންނާނީ ހަތަރެސްކަން ހަމަ ވެފަ..