ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެފައިވުމުން މާދަމާ އިން ފެށިގެން ހަފްތާއަކަށް ބަންގްލަދޭޝް ފުރަބަންދު ކުރަން ނިންމައިފިއެވެ.

ބަންގްލަދޭޝް ފުރަބަންދު ކުރަން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވެ، އެންމެ ފުރަތަމަ އިންޑިއާއިން ދެނެގަނެވިފައިވާ ޑެލްޓާ ވޭރިއެންޓް ވެސް އެގައުމުގައި ފެތުރެމުން ދާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައެވެ.

ހުކުރު ދުވަހު އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީއިން ބުނީ ފުރަބަންދުގެ ހަތް ދުވަސްތެރޭގައި ސަރުކާރު އޮފިސްތަކާއި، ޕްރައިވެޓް އޮފިސްތައް ވެސް ބަންދުވާނެ ކަމަށެވެ. އެމަޖެންސީ ސަޕްލައިތައް އުފުލުމާއި، އެމްބިއުލާންސް އަދި ސިއްހީ ދާއިރާގައި ބޭނުންކުރާ ވެހިކަލްތަކާއި، މީޑިއާ ވެހިކަލްތައް ފިޔަވައި އެއްވެސް އުޅަނދެއް ދުއްވުމަކީ މާދަމާއިން ފެށިގެން މަނާ ކަމެކެވެ. ފުރަބަންދުގެ މުއްދަތުގައި އެމަޖެންސީ ހާލަތެއްގައި ނޫން ގޮތަކަށް ގެއިން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

ސްޓޭޓް މިނިސްޓަރ ފޯ ޕަބްލިކް އެޑްމިނިސްޓްރޭޝަން ފަރްހާދް ހުސައިން ވިދާޅުވީ 28 ޖޫން ވާ ހޯމަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އެގައުމު ފުރަބަންދު ކުރި ކަމުގައި ވިޔަސް، ހާލަތު އިތުރަށް ގޯސްވާނަމަ ފުރަބަންދުގެ މުއްދަތު އިތުރުކުރާނެ ކަމަށެވެ. މި އެންގުމާއެކު، އެގައުމުގެ ޑާކާ ސިޓީގައި ދިިރިއުޅެމުންދާ މީހުން އެމީހުންގެ އުފަން ސަރަހައްދުތަކަށް ދިއުމަށް ވަނީ ދަތުރު ފަށައިފައެވެ.

ބަންގްލަދޭޝްއަށް ކޮވިޑުގެ އެންމެ ފަހު ރާޅު އަރައިގެން ވޭދަނަތައް އިތުރުވާން ފަށާފައިވާކަން އިއުލާން ކޮށްފައިވަނީ މީގެ ހަ ހަފްތާ ކުރިންނެވެ. މޭ 15ވަނަ ދުވަހު އެގައުމުން 261 މީހަކަށް ބަލި ޖެހި، ބަލީގައި 22 މީހަކު މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި މިދިޔަ ހުކުރު ދުވަހު 5،869 މީހަކު ކޮވިޑަށް ފައްސިވެ، ބަލީގައި 108 މީހަކު މަރުވެފައިވެއެވެ.