ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ތައިލެންޑް ސަރުކާރުން އެގައުމުގެ ވެރިރަށް ބެންކޮކާއި، އެހެނިހެން ސަރަހައްދުތަކުގައި ވެސް އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފިއެވެ.

މާދަމާ އިން ފެށިގެން 30 ދުވަހަށް ބެންކޮކާއި އަދި ބެންކޮކްގެ ވަށައިގެން އޮންނަ ފަސް ޕްރޮވިންސެއްގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް ރޯޔަލް ގެޒެޓްގައި އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ތައިލެންޑްގައި އަލަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ބެންކޮކްގެ މަސާޖްޕާލާތައް ބަންދުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ރެސްޓޯރެންޓްތަކުގައި ވެސް ޓޭކްއަވޭ ފިޔަވައި އެހެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 21:00 ގައި ޝޮޕިން މޯލްތައް ބަންދުކުރަން ވަނީ ނިންމާފައެވެ. 20 މީހުންނަށްވުރެ ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތައް ވެސް ވަނީ މަނާ ކޮށްފައެވެ.

ތައިލެންޑް ސަރުކާރުން ބުނާ ގޮތުގައި މެލޭޝިއާ އިން ތައިލެންޑަށް އެތެރެވުމަށް ހުންނަ ޗެކްޕޮއިންޓްތަކުގައި ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާފައިވާ ކަމަށެވެ.

ބެންކޮކްގައި ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމުމުން ބެންކޮކްގެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ. ފިޔަވަޅުތަކާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދަނީ ވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދިއުމުގެ ސަބަބުންނެވެ.

އޭޕްރީލް މަސް ފެށުނު ފަހުން ތައިލެންޑުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް 3900 މީހުން ތައިލެންޑުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ތައިލެންޑުން މިހާތަނަށް 244,447 މީހަކު ކޮވިޑަށް ފައްސިވެ 1900 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.