ތައިލެންޑްގައި މެއި މަހު ބޭއްވި އާއްމު އިންތިހާބުގައި ހައިރާން ކުރުވަނިވި ކާމިޔާބެއް ހޯދި މޫވިން ފޯވާޑް ޕާޓީގެ ލީޑަރު ޕީޓާ ލިމިގަރެންރަޓް ބޮޑުވަޒީރު ކަމަށް ގެނައުމަށް ގާނޫނު ހަދާ މަޖިލިހުން ހުރަސް އަޅައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުން ޕީޓާ ބޮޑުވަޒީރު ކަމަށް ރުހުން ހޯދަން ފުރަތަމަ ނެގި ވޯޓު ކާމިޔާބު ނުވި އިރު، ދެވަނަ ވޯޓަށް މަޖިލީހުން ވަނީ ހުރަސް އަޅައިފައެވެ.

މިއާއެކު، ވަރަށް ގިނަ ދުވަސްތަކަށް ނުހިނގާ މީޑިއާ ކުންފުންޏެއްގެ ހިއްސާ އޮތުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޕިޓާ ސަސްޕެންޑްކޮށްފައެވެ. އަދި ދުސްތޫރީ ކޯޓުން އޭނާގެ މަގާމާއި ދޭތެރޭ އިތުރަށް ގޮތް ނިންމަން ޖެހިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޕިޓާ ވަނީ އޭނާ އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފުވެފައި ނުވާނެ ކަމުގެ ޔަގީން ކަން ދެމުންނެވެ.

ޕިޓާ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުންގެ ތެރެއިން 400 އެއްހާ މެމްބަރުންގެ ވޯޓު ލިބިވަޑައިގަންނަވަން ޖެހެއެވެ.

ޕީޓާގެ މޫވިން ފޯވާޑް ޕާޓީގެ ކޯލިޝަންގައި ޖުމްލަ އަށް ޕާޓީއެއް އެބައޮތެވެ. އަށް ޕާޓީން ގާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން 312 ގޮނޑިއެއް ކޮންޓްރޯލް ކުރެއެވެ. ނަމަވެސް ޕީޓާއަށް ބޮޑުވަޒީރުގެ ގޮނޑި ކާމިޔާބު ކުރަން ހުރަހަކަށްވީ ބައެއް އެހެން ޕާޓީތަކުން ވެސް ބޮޑުވަޒީރު ކަމަށް ވާދަކުރުމުންނެވެ.

ގާނޫނު ހަދަ މަޖިލީހުގެ ޖަލްސާއަށްފަހު އުމުރުން 42 އަހަރުގެ ޕީޓާ ވިދާޅުވީ ބޮޑުވަޒީރަކު ހޮވަން އަންނަ ބުދަ ދުވަހު ބާއްވާ ޖަލްސާގައި ވެސް އޭނާ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނެ ކަމަށާއި ނަމަވެސް އެދުވަހު ކާމިޔާބު ނުކުރެވިއްޖެނަމަ އޭނާގެ ޕާޓީއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ ކަމަށްވާ ޕުތައި ޕާޓީގެ ކެންޑިޑޭޓް ބޮޑުވަޒީރު ކަމަށް ގެންނަން ތާއިދު ކުރައްވާނަން ކަމަށެވެ.

ޕިޓާއަކީ ސިޔާސީ ދާއިރާއާއި ގުޅުމުގެ ކުރިން ހާވާޑްގެ އެގްޒެކިއުޓިވް މަގާމް ފުރުމުގެ އިތުރަށް މީގެ ކުރީގައި ޓެކް އެގްޒެކިއުޓިވްއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.