ޗައިނާ އަކީ މެލޭރިޔާ ބަލި ނެތް ގައުމެއްގެ ގޮޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅައިފިއެވެ.

ޗައިނާގައި 1940 ގެ އަހަރުތަކުގައި މެލޭރިޔާ ބަލި ފެތުރިފައިވެއެވެ. އެ އަހަރުތަކުގައި އަހަރަކު 30 މިލިއަން މީހުންނަށް މެލޭރިޔާ ބަލި ޖެހިފައިވާކަމަށް ރިކޯޑު ކޮށްފައިވެއެވެ. އޭގެ ފަހުން އެ ގައުމުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ބަލިން މުޅިން ރައްކާތެރިވުމަށެވެ.

އެ ގައުމުން މެލޭރިޔާ ބަލި ނައްތާލަން 70 އަަހަރު ވަންދެން ކުރި މަސައްކަތަށްފަހު އެކަން ވަނީ ކާމިޔާބު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން ޗައިނާ އަކީ މެލޭރިޔާ ބަލި ނެތް ގައުމެއްގެ ގޮތުގައި ފާހަގަކޮށް، ސެޓްފިކެޓް ދީފައިވަނީ އެ ގައުމުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި މެލޭރިޔާގެ ވޭދަނައެއް ފެނިފައި ނުވާތީއެވެ. ޑަބްލިއުއެޗްއޯއިން ސެޓްފިކެޓް ދޫކުރީ ހަތަރު އަހަރު ވަންދެން މެލޭރިޔާގެ ވޭދަނައެއް ނުފެންނަކަން ޗައިނާއިން ހެއްކާއެކު ސާބިތު ކޮށްދިނުމުންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ ޗައިނާ އަކީ މެލޭރިޔާ ބަލި ނެތް ގައުމެއްގެ ގޮތުގައި އެވަނީ އެގައުމުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. ގަރުނަކާ ވަރަށް ގާތްވަންދެން ޗައިނާއިން މެލޭރިޔާ ބައްޔާ ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހާއްސަކޮށް މަދިރި ނައްތާލުމަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްޔަކީ މިހާތަނަށް އައި އިރުު ހުރިހާ ގައުމަކުން ނައްތާލެވިފައިވާ ބައްޔެއް ނޫނެވެ. އެގޮތުން 2019 ވަނަ އަހަރުވެސް ދުނިޔޭގެ އެކި ހިސާބުތަކުން 229 މިލިއަން މީހުންނަށް މެލޭރިޔާ ޖެހި ރިޕޯޓު ކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 409,000 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އަދި 2019ވަނަ އަހަރު މެލޭރިޔާ ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާ ވޭދަނަތަކުގެ ތެރެއިން 94 އިންސައްތަ ވޭދަނަތައް ރިޕޯޓު ކޮށްފައިވަނީ އެފްރިކާއިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު