އެމެރިކާގައި ޖޫން މަހު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ %99.2 މީހުންނަކީ ކޮވިޑް ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް އެމެރިކާގެ އިންފެކްޝަސް ޑިސީސްގެ ޗީފް އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ކޮވިޑުން ސަލާމަތް ވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައުޗީ ވިދާޅުވީ ހޭދަވަމުންދާ ކޮންމެ ދުވަހަކު ލިބެމުންދާ ނަތީޖާތަކުން ވެސް ދައްކުވައިދެނީ ވެކްސިން ޖެހުމުގެ މުހިއްމު ކަމެވެ.

"މަރުވި މީހުންގެ ތަފާސް ހިސާބަށް ބަލާއިރު %99.2 މީހުންނަނީ ވެކްސިން ނުޖަހާ ތިބި މީހުން. ވެކްސިން ޖެހި ފަހުން ކޮވިޑްގައި މަރުވި މީހުންގެ ނިސްބަތް އުޅެނީ %0.8 ގައި. އެއްވެސް ވެކްސިނަކީ އެންމެ ފުރިހަމަ ވެކްސިނެއް ނޫން. އެކަމަކު ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މަދުކުރުމަށާއި މަރުވާ މީހުންގެ އަދަދު މަދުކުރަން ވެކްސިން ޖެހުން ކޮންމެހެން މުހިއްމު." ފައުޗީ ވިދާޅުވިއެވެ.

ފައުޗީ ވިދާޅުވީ ވެކްސިން ޖެހި ނަމަވެސް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިދާނެ ކަމަށާއި ނަމަވެސް ހާލަތު ސީރިއަސް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމަށެވެ. "ގިނަ ބަޔަކު ވެކްސިން ޖެހުމުން ހޮސްޕިޓަލްތައް ފުރި، ހޮސްޕިޓަލްތަކަށް ނުކަތާ ވަރުވެގެން ގިނަ ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު ކުޑަވެގެން ދާނެ." ފައުޗީ ވިދާޅުވިއެވެ.

އެމެރިކާ އިން މަސައްކަތް ކުރަމުން ގެންދިޔައީ އެމެރިކާގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި މަހުގެ 04 ވަނަ ދުވަހާއި ހަމައަށް އާބާދީގެ %70 މީހުންނަށް ކޮވިޑް ވެކްސިން ދޭށެވެ. ނަމަވެސް އެމެރިކާ ސަރުކާރުން އާދީއްތަ ދުވަހު އިއުލާން ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައި ވަނީ ވެކްސިން ޖަހާ އުމުރުފުރާގެ %67.1 މީހުންނަށެވެ. %47.4 މީހުންނަށް ވަނީ ވެކްސިންގެ ދެޑޯޒް ދެވިފައެވެ.

އެމެރިކާ އަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހި އަދި ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ނަމަވެސް ވެކްސިން ޖެހުމުގައި ހޯދާފައިވާ ކާމިޔާބާއިއެކު އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު