ރަޝިއާގެ ޕެޓްރޯޕެވްލޮކް-ކަމްޗަޓްސްކީ އިން ފުރައިގެން ޕަލާނާ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު މަތިންދާ ބޯޓު ވެއްޓިފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ބޯޓު ވެއްޓުނުއިރު އޭގައި 28 މީހުން ތިއްބެއެވެ. އެއީ 22 ފަސެންޖަރުންނާއި ހަ ކްރޫއިންނެވެ. އެ ފަސެންޖަރުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ބޯޓު ފެނިފައިވަނީ ރަޝިއާގެ އިރުމަތީގެ މޫދު ސަރަހައްދަށެވެ. ބޯޓު ފެނުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ކަމާއި ބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

މި ބޯޓު މޫދު ސަރަހައްދުން ފެނުނު ނަމަވެސް، އެބޯޓުގައި ތިބި މީހުންނަށް އަނިޔާއެއް ވެފައިވާ ކަން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 1982 ވަނަ އަހަރު އުފައްދާފައިވާ އެ ބޯޓު ގެއްލުނުއިރު، ދިޔައީ އެއާޕޯޓަށް ޖައްސަން ތިރި ކުރަމުންނެވެ. އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ވަކި ހިސާބަކުން އެއާޕޯޓުގެ ޓަވަރާއި ގުޅުން ކެނޑުނު ކަމަށްވެއެވެ.