ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކޮށް ދެހަފްތާ ވެފައިވާ މީހުންނަށް ސްރީލަންކާ އަށް ދަތުރުކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.

ލަންކާ ސަރުކާރުން ރޭ އިއުލާން ކުރި އާގައިޑްލައިން ބުނާ ގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލަންކާއަށް އެތެރެވުމުން މިހާރު ކަރަންޓީން ގައި ހުންނަން ޖެހޭނީ ލަންކާއަށް އެތެރެވުމަށް ފަހު ހަދާ ކޮވިޑް ޓެސްޓެއްގެ ނަތީޖާ ލިބެންދެނެވެ. އެޓެސްޓްގެ ނަތީޖާ އެއްދުވަސް ތެރޭގައި ލިބޭނެ ކަމަށް ގައިޑްލައިންގައި ބުނެފައި ވެއެވެ.

ނަމަވެސް ލަންކާއަށް އެތެރެވާ މީހުން އެއްދުވަހުގެ ކަރަންޓީންގައި މަޑުކުރަން ޖެހޭނީ ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާފައިވާ ހޮޓަލެއްގައެވެ. ކަރަންޓީން ވުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ހޮޓާތަކުގެ މައުލޫމާތު ލަންކާ ސަރުކާރުން އިއުލާން ކޮށްފައި ވެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ކަރަންޓީން ވާން ނުޖެހުނު ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ވެސް ލަންކާގައި ހަތް ދުވަސް ވުމުން އަނެއްކާވެސް އިތުރު ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ.

ލަންކާ އަށް އެތެރެވުމުގެ ކުރިން އޮންލައިންކޮށް އީޓީއޭ ވެބްސައިޓުން ފޯމެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާކަން ލަންކާ ސަރުކާރުން ގަބޫލު ކުރާނީ އިނގިރޭސިބަހުން ލިޔެފައި އޮންނަ ވެކްސިން ސެޓްފިކެޓެއް ދަތުރުކުރާ މީހާގެ އަތުގައި އޮތްނަމަ އެކަންޏެވެ. އެސެޓްފިކެޓް ވާން ވާނީވެސް ސެޓްފިކެޓްގެ އަސްލަށެވެ. ސެޓްފިކެޓްގެ ކޮޕީއެއް ނުވަތަ ފޮޓޯއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަން ގައިޑްލައިންގައި ބަޔާންކޮށްފައި ވެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ވެސް ލަންކާ އަށް އެތެރެވުމަށް ފަހު އެއާޕޯޓުން ހެލްތު ޑެކްލަރޭޝަން ފޯމެއް ފުރަން ޖެހޭނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އެންމެ ފުރަތަމަ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކުރި ލަންކާގެ ހާލަތު ފަހަކަށް އައިސް ވަނީ އަނެއްކާވެސް ގޯސްވެފައެވެ. ނަމަވެސް ލަންކާ ސަރުކާރުން ބުނާ ގޮތުގައި ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ގައުމީ ކެމްޕޭންގެ ސަބަބުން ގައުމުގެ ހާލަތު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު