ތައިލެންޑްގައި ސިނޮވެކް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންގެ ގަޔަށް އެސްޓްރަޒެނަކަ ވެކްސިން ދިނުމަށް ނިންމައިފިއެވެ.

ތައިލެންޑްގެ އުސޫލުތަކަށް ގެނައި ބަދަލާއެކުއެކު އެ ގައުމުގެ ހެލްތު މިނިސްޓްރީން ނިންމާފައިވަނީ ސިނޮވެކް ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ކޮވިޑުން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ އެސްޓްރަޒެނަކަ ވެކްސިނުން ދިނުމަށެވެ.

ޕަބްލިކް ހެލްތު މިނިސްޓަރު އެނޫޓިން ޗަންވިރާކޫލް އުސޫލުތަކަށް ބަދަލު ގެނައިކަން ހާމަ ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރަޒެނަކަ ވެކްސިން ދޭނީ ސިނޮވެކްގެ ފުރަތަމަ ޑޯޒް ޖަހާތާ 4-3 ހަފްތާ ފަހުންނެވެ. އުސޫލު ބަދަލުކޮށް ދެ ވައްތަރުން ވެކްސިން ދީގެން ޑޯޒް ފުރިހަމަ ކުރަން ނިންމާފައިވަނީ އޭރުން އިންޑިއާގެ ޑެލްޓާ ވޭރިއެންޓުން ދިފާއުކޮށްދޭ މިންވަރު އިތުރުވާތީ ކަމަށް އަނޫޓިން ވިދާޅުވިއެވެ. ޑެލްޓާ ވޭރިއަންޓަކީ ދުނިޔޭގައި ފެތުރުނު ކޮވިޑް ވޭރިއަންޓުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވޭރިއަންޓެވެ.

މިހާރު ސިނޮވެކް ވެކްސިނުގެ ދެ ޑޯޒް ޖަހާފައި ތިބި މީހުން ކަންތައް ކުރަންޖެހޭ އުސޫލެއް އަނޫޓިން ހާމަ ނުކުރައްވައެވެ.

މި ނިންމުން ނިންމާފައިވަނީ ނުރައްކާތެރި ޑެލްޓާ ތައިލެންޑުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ވޭރިއެންޓުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅިގެން ނޭޝަނަލް ކޮމިއުނިކަބަލް ޑިޒީސް ކޮމިޓީއާއި އެކު މަޝްވަރާ ކުރުމަށް ފަހުއެވެ.

ތައިލެންޑުން ވަނީ ދެ ޑޯޒް ވެކްސިން ޖަހާފައި ތިބި ސިއްހީ ހިދުމަތްތެރިންނާއި، ފްރޮންޓް ލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޫސްޓާ ޑޯޒެއް ދިނުމަށް ނިންމައިފައެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަން ނިންމާފައިވަނީ އެސްޓްރަޒެނަކަ ނުވަތަ ފައިޒާ ވެކްސިނެވެ.

މިހާރު ޑެލްޓާ ވޭރިއެންޓް ކޮންޓްރޯލް ކުރަން ފިޔަވަޅެއް ނޭޅިއްޖެ ނަމަ ދުވާލެއްގެ މައްޗަށް ބަލީގައި މަރުވާ މީހުންގެ އަދަދު 100 އަށް ވުރެ ގިނަވެ، ބަލިޖެހޭ މީހުންގެ އަދަދު 10،000 އަށް އަރާފާނެ ކަމަށް ލަފާކޮށްފައިވެއެވެ.