ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދެއްގައި ބަހަކަށް އަމާޒުކޮށް ދިން ހަމަލާގައި 13 މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އޭގެ ތެރޭގައި ޗައިނާގެ ހަތް މީހުންނާއި ޕާކިސްތާނުގެ ސިފައިންގެ ދެ މީހެއް ހިމެނެއެވެ.

މިހާތަނަށް އަހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހަމަލާއަކީ މަގުމަތީގައި ޑިވައިސްއަކުން ދިން ހަމަލާއެއް ކަމެއް ނުވަތަ ބަހުގައި ޑިވައިސްއެއް ހަރުކޮށްގެން ގޮއްވާލީ ކަމެއް ސާފެއް ނުވެއެވެ.

މި ގޮވުމުގެ ސަބަބުން ޗައިނާގެ އިންޖިނިއަރަކާއި ސިފައިންގެ މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަޒާރާ ރީޖަންގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މައުލޫމާތު ދީފައިވާ ގޮތުން ބަހުގައި ޗައިނާގެ 30 އިންޖިނިއަރަކު ދަތުރުކުރަމުން ދިޔަ ކަމަށް ބުނެެއެވެ. ޗައިނާގެ އިންޖިނިއަރުން ދަތުރުކުރަމުންދިޔައީ އަޕާ ކޮހިސްތާންގެ ޑަސޫ ޑާމް ސައިޓަށް ދިއުމަށެވެ. ޑަސޫ ޑާމް ސައިޓަަކީ ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓް ޗައިނާ އާއި ޕާކިސްތާން އިކޮނޮމިކް ކޮރިިޑޯ (ސީޕީއީސީ) ގެ ދަށުން ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން 65 ބިލިއަން ޑޮލަރު ހަރަދުކޮށް ޗައިނާ އާއި ޕާކިސްތާނުގެ ޖެޓީއެއް ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޗައިނާއިން ވަނީ ޕާކިސްތާނުގެ ބަސް ގޮއްވާލި ހާދިސާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ޗައިނާއިން އެދިފައިވަނީ ޕާކިސްތާނުގައި ތިބި ޗައިނާގެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން މަސައްކަތް ކުރުމަށެވެ.

ރެސްކިއު އޮޕަރޭޝަން މިހާރު ކުރިޔަށް ގެންދާއިރު، ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރަށް ވުރެ އިތުރުވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު