ސައުދީ އަރަބިޔާގެ އަންހެނުންނަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދީފިއެވެ. އެޤައުމުގެ ސަރުކާރުން، މި ހުއްދަ ދީ، މިކަމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަދުއެވެ. މީގެކުރިން، އެޤައުމުގެ އަންހެނުންނަށް ކުރު ރާސްތާތަކަށްވެސް، އަމިއްލައަށް އެއްގަމު އުޅަނދު ދުއްވާފައި ދިޔުމުގެ ހުއްދަ ދީފައިނުވެއެވެ.

އަންހެނުންނަށް، އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ދޭން ނިންމާފައިވާކަން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިޢުލާންކޮށްފައިވާއިރު، އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުންނާއި އެނޫންވެސް މީހުންވަނީ އުފާ ފާޅުކޮށްފައެވެ. ހަމައެހެންމެ، ގިނަ އަދަދެއްގެ ބަޔަކު، އެކަމަށް އެޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކޮށްފައިވެއެވެ.

ސައުދީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން، ގިނަ އަންހެނުންތަކެއް، ވަޒީފާގެ މާހައުލަށް ނިކުންނާނެކަމަށް ބެލެވޭކަމަށާއި، ކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ، އަންހެނުން ވަޒީފާއަށް ދިއުމަށް އޮތް ހުރަހެއްކަމަށްވެސް އެތައް ފަރާތްތަކުން ބުނެފައިވެއެވެ.

ވަލީއަޙުދު މުޙައްމަދުގެ ދުރު ވިސްނުންފުޅާއެކު އެކުލަވާލާފައިވާ އެޤައުމުގެ 2030 ގެ ތަޞައްވަރުގައިވެސް މިކަން ހިމެނޭއިރު، ވަޒީފާތަކަށް އަންހެނުން ނެގުމަކީވެސް، އެ ތަޞައްވަރުގެ ބައެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން، މަގުމަތީގެ ޤަވާއިދުތަކަށް ހޭލުންތެރިކުރުވުމަށް މިދިޔަ ހަފްތާގެ ތެރޭގައި އެޤައުމުގެ ރިޔާޟު، ޖިއްދާ، ދައްމާމް އަދި ތާބޫކުގައި ހަރަކާތްތަކެއް ހިންގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު