އިންޑިއާގެ މަހަރަޝްތްރާގައި ހިންގަމުންދާ އަމިއްލަ އޭވިއޭޝަން އެކަޑަމީއަކުން، ދަރިވަރުންގެ ތަމްރީންތަކަށް ބޭނުން ކުރަމުންދިޔަ ކުޑަ ފްލައިޓެއް ވެއްޓި، އެ ބޯޓު ދުއްވަން އިން ޕައިލެޓް މަރުވެއްޖެއެވެ. އެ ބޯޓުގައި އެ ވަގުތު ތަމްރީން ހަދަމުންދިޔަ އަންހެން ދަރިވަރަކުވެސް އިނެވެ. ނަމަވެސް އޭނާ ވަނީ ސަލާމަތްވެފައެވެ.

އިއްޔެ ހަވީރު މި ހާދިސާ ހިނގިއިރު، ލުއި އެ ބޯޓު ބިންމައްޗަށް ވެއްޓުނީ ކުއްލިއަކަށް ކަމަށް ވެއެވެ. އެ ހާދިސާގައި ޕައިލެޓް މަރުވިއިރު، ތަމްރީން ހަދަމުންދިޔަ ދަރިވަރަށް އަނިޔާތަކެއް ވެއެވެ. އެ ބޯޓު ވެއްޓުނީ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ކަމުން، އާއްމުން ވަނީ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ޕައިލެޓް-އިންސްޓްރަކްޓަރ ނޫރުލް އަމީން، 28އ،އެވެ. އޭނާއާއެކު އެ ފްލައިޓްގައި ދެން އިނީ ޓްރެއިނީ ޕައިލެޓް އަންޝިކާ ގުރްޖާރް 22އ އެވެ. އެ ހާދިސާގެ ސަބަބުން އަންކިޝާއަށް އަނިޔާތަކެއް ވި ނަމަވެސް، އޭނާ ނުރައްކަލުން ސަލާމަތްވެފައިވާ ކަަމަށް ވެއެވެ. އޭނާއަށް އިތުރު ފަރުވާއަށް ނަނަވަތީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ދެ ސީޓް އިންނަ އެ އެއާކްރާފްޓަކީ އިޓަލީން އުފައްދާފައިވާ ބޯޓެކެވެ. އެ ބޯޓު ބޭނުން ކުރަމުން ގޮސްފައި ވަނީ އެންއެމްއައިއެމްއެސް އޭވިއޭޝަން އެކަޑަމީންނެވެ. އެއީ އަލަށް ބޭނުން ކުރަން ފެށި ބޯޓެއް ކަމަށް ރިޕޯޓްތައް ބުނާއިރު، މަރުވި އެ ޕައިލެޓަކީ ވަރަށް ސީނިއާ ޕައިލެޓެއް ކަމަށާއި، އޭނާއަކީ 500 ގަޑިއިރުގެ ފްލައިންގ ތަޖުރިބާ ހުރި ޕައިލެޓެއް ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު