ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ރިޔާޟަށް ހަމަލާ ދިނުމަށް ފޮނުވާލި މިސައިލެއް އަމާޒަށް ވާސިލްމުވުމުގެ ކުރިން ވައްޓާލައިފިއެވެ.

މިސައިލް ރިޔާޟްގެ މަތިން ދަތުރުކުރަމުން ދަނިކޮށް ސައުދީ އަރަބިއްޔާގެ ސިފައިން ދިން ހަމަލާއެއްގައި ވަނީ ވައްޓާލާފައެވެ.

ރިޔާޟަށް ފޮނުވާލި މިސައިލާއި ބެހޭ ގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ވެސް އަދި އަސްކަރިއްޔާ އިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް ހޫތީން ކޮންޓްރޯލް ކުރާ ޓީވީ ޗެނަލް އަކުން ބުނީ ރިޔާޟްގައި ހުންނަ ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީގެ އިމާރާތަށާއި އެހެނިހެން ބައެއް ތަންތަނަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާނެ ކަމަށެވެ.

ހޫތީން މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކަށް މިސައިލްތައް ފޮނުވާލާފައި ވެއެވެ. ނަމަވެސް ގިނަ ފަހަރު އަމާޒަށް ވާސިލް ވުމުގެ ކުރިން ސައުދީ އަރަބިއްޔާގެ ސިފައިން އެމިސައިލްތައް ވައްޓާލައެވެ.

ހޫތީން މިރޭ ރިޔާޟަށް މިސައިލެއް މިފޮނުވާލީ ޔަމަންގައި ހޫތީން ހިފާފައިވާ ސަރަހައްދުތަަކަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު