އަވަށްޓެރި އިންޑިއާގައި ހަލުވިކަމާއެކީ ފެތުރެމުން އަންނަ ނުރައްކާތެރި "ބްލެކް ފަންގަސް" ޖެހިގެން މަރުވި މީހުންގެ އަދަދު 4،300 އަށް އަރައިފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު މަންސޫހް މަންޑަވިޔާ ވިދާޅުވީ އެ ގައުމުގައި ހަލުވިކަމާއެކީ ފެތުރެމުން އަންނަ މި ފަންގަސް ޖެހުނު މީހުންގެ އަދަދު މިހާރު 45،374 އަށް އަރާފައިވާ ކަމަށެވެ.

ބްލެކް ފަންގަސް ޖެހުމުން ލޮލާއި ނޭފަތް އަދި ބައެއް ފަހަރު ސިކުނޑިއަށް ވެސް ނުރައްކާތެރި ގެއްލުންތައް ލިބި މަރާ ހަނގުރާމަ ކުރަންޖެހޭ ފަހަރު އާދެއެވެ.

މިއުކޯމައިކޯސިސް ނަމުންވެސް މަޝްހޫރު މި ބަލި ޖެހޭ މީހުންގެ ބޮޑު އިންސައްތައަކީ ކޮވިޑް ޖެހިފައިވާ މީހުންނެވެ. އެފަދަ ފަރާތްތަކަށް މި ބަލި ޖެހެނީ ކޮވިޑުން ރަނގަޅުވާތާ 12-17 ދުވަހާ ދެމެދުއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ފަންގަސް ޖެހެނީ ކޮވިޑުން ދިފާއު ވުމަށް ބޭނުންކުރާ ސްޓްރޮއިޑްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެއީ ކޮވިޑް ޖެހިފައިވާ ފަރާތްތައް ސްޓެރޮއިޑް ބޭނުންކުރުމުގެ ސަބަބުން ފުއްޕާމޭގައި އުފެދޭ ދުޅަ ކުޑަކޮށްދޭ އިރު މި ސްޓެރޮއިޑްއަކީ ދިފާއީ ނިޒާމު ހަލާކުކޮށްލާ އެއްޗަކަށްވެސް ވެއެވެ.

ބްލެކް ފަންގަސް އަށް އަދި ބޭނުންކުރެވޭ ހަމައެކަނި ފަރުވާއަކީ އެންޓި ފަންގަލް އިންޖެކްޝަނެވެ. މި ބައްޔަށް ފަރުވާ ނުލިބި އެތައް ބަޔަކު އިންޑިއާގައި ތިބިއިރު އެ ގައުމުގެ ހޮސްޕިޓަލްތަކުން ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަދިވެސް މަދުނުވާ ކަން ފާހަގަ ކުރެވެއެވެ. އަދި މި ފަންގަސް ފެތުރި އެތައް ބަޔަކު ނުރައްކަލަށް ހުށައެޅެމުންދާ މި ދަނޑިވަޅަކީ އިންޑިއާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑު ޗެލެންޖަކަށް ވާނެކަން ޔަގީނެވެ.

އިންޑިއާގައި މިހާރު އެންމެ ބޮޑަށް މި ފަންގަސް ފެތުރެނީ މަހާރަޝްތްރާ އާއި ގުޖަރާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު