އެމެރިކާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ސަރަހައްދުތަކުގައި ތިބި ވެކްސިން ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންވެސް އާންމުން އެއްވެއުޅޭ ތަންތަނަށް ނުކުމެ ނޫޅުން ކަމުގައި ވިޔަސް މާސްކު އެޅުމަށް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން ލަފާދީފިއެވެ.

ސީޑީސީއިން މިފަދައިން ލަފާދީފައިވަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ކޮވިޑްގެ ޑެލްޓާ ވޭރިއެންޓްގެ އަސަރުކޮށް ޑެލްޓާ ވޭރިއެންޓްގެ ވޭދަނަތައް އިތުރުވަމުންދާތީއެވެ. ވޭދަނަތައް ކޮންޓްރޯލްކުރުމުގެ ގޮތުން ކްލާސްރޫމްތަކުގައި ޓީޗަރުންނާއި ދަރިވަރުން މާސްކު އެޅުމަށާއި، އޮފިސްތަކުގައި މުވައްޒަފުންނާއި އެތަންތަނަށް ޒިޔާރާތްކުރާ މީހުން މާސްކު އެޅުމަށް ސަމާލުކަން ދިނުމަށް ސީޑީސީއިން އެދިފައިވެއެވެ.

އެމެރިކާގައި އެވެރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 57,000 މީހުން ކޮިޑަށް ފައްސިވެ، 24,000 މީހުންނަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެމެރިކާގެ އާންމު ސިއްހަތާއި ބެހޭ އިދާރާއިން ބުނެފައިވެއެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުރިން އެ އިދާރާއިން ވަނީ ހާއްސަކޮށް ވެކްސިން ޖަހާފައިވާ މީހުން މަދު ސަރަހައްދުތަކުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާކަން ފާހަގަކޮށް ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގައި ހަލުވިކަމާއި އެކު ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާއިރު، ސީޑީސީއިން ބުނީ މި ވޭރިއެންޓަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެމެރިކާގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ގިނަ ތަންތަނުގައި މާސްކު ނާޅާ އުޅެން މިދިޔަ މެއި މަހު ސީޑީސީން ހުއްދަ ދިން ނަމަވެސް މިހާރު އެ އިދާރާއިން ވަނީ އަނެއްކާވެސް ގައިޑްލައިންތަކަށް ބަދަލު ގެންނަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު