އިންޑޮނޭޝިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އެއް ލައްކަ އަށް އަރައިފިއެވެ. މިއީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރި ދެވަނަ ގައުމެވެ.

ކޮވިޑުގައި މަރުވާ މީހުންގެ އަދަދު އިތުރުވާތާ ހަފްތާތަކެއް ފަހުން ދެކުނު އޭޝިއާގެ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ގައުމެއްގެ ގޮތުގައި ފާަހަގަ ވެފައިވާ އިންޑޮނޭޝިއާއިން އިއްޔެ ކޮވިޑް ބަލީގައި 1,747 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެގައުމުގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 100,636 އަށް އަރާފައެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ބްރެޒިލް އާއި އިންޑިއާ ހިމެނޭހެން 11 ގައުމެކުންނެވެ. އެމެރިކާއާއި، ޔޫރަޕް އަދި ދެކުނު އޭޝިއާގައި ކޮވިޑް ވޭދަނަތައް އިތުުރުވެފައިވާއިރު އިންޑޮނޭޝިއާގައި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު މަދެވެ. އަދި މީގެ އިތުރުން ސިއްހީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނުވުމާއި އެކު އެކަށީގެންވާ ފަރުވާއެއް ނުދެވުމަކީ އެގައުމުން ކޮވިޑުގައި ގިނަ އަދަދެއްގެ މީހުން މަރުވުމަށް ދިމާވާ އެއް ސަބަބުކަމަށް ރިޕޯޓުތައް ބުނެއެވެ.

270 މިލިއަން މީހުންގެ އާބާދީ އޮންނަ އިންޑޮނޭޝިއާގައި ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އަށް އިންސައްތަ މީހުން ކަމަށް ބްލޫމްބާގްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑޮނޭޝިއާއިން ގިނަ އަދަދެއްގެ މީހުން ކޮވިޑް ބަލީގައި މަރުވަމުންދާއިރު، އެގައުމުން ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހުއެވެ. ޖުލައި މަހުގެ ތެރޭގައި އިންޑޮނޭޝިއާގައި ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއި އެކު ފެތުރި، ސިއްހީ ނިޒާމް ބޮއްސުންލައިގެން ގޮސް ވެކްސިންގެ ދަތިކަމާއި ވެސް ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ބަލި މީހުންނަށް ފަރުވާދިނުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ފަރުވާދިނުން ލަސްވެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ގިނައެވެ.

ރިޕޯޓުތައް ބުނާގޮތުން 2,837 އެއްހައި މީހުން ކޮވިޑް ބަލީގައި މަރުވެގެން ދިޔައީ ހޮސްޕިޓަލްތައް ފުރުމުގެ ސަބަބުން ގޭގައި އެކަހެރިކޮށްފައި ތިއްބައެވެ.

ކިޔުންތެރިންގެ ހިޔާލު