ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާ އިން ދުނިޔެ އަށް ދައްކާފައިވާ މިސާލާއި، ގާބިލްކަމާއިމެދު ސުވާލެއް އުފައްދާނެ ޖާގައެއް ވެސް ނެތެވެ. ނަމަވެސް ޗައިނާގައި ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުން ހާލަތު ބަދަލު ވެދާނެ ކަމަށް ހީކުރެވުނެވެ.

ޑެލްޓާ ވޭރިއަންޓް ޗައިނާގެ ބައެއް ސަރަހައްދުތަކުން ފެނުމާއިއެކު ދުވާލަކު ޗައިނާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ވެސް އެރިއެވެ. ނަމަވެސް މިއަދު ޗައިނާ އިން ކޮވިޑް ޖެހިފައިވާ މީހަކާއި ބައްދަލުނުވާ މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. މިއަދު ޗައިނާ އިން ފައްސިވި 21 މީހުންނަކީ ވެސް ކޮވިޑަށް ކުރިން ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުންނެވެ. މިއީ ޖުލައި މަހުގެ 20 ވަނަ ދުވަހަށް ފަހު ޗައިނާ އިން ކޮވިޑަށް ފައްސިވި މީހަކާއި ބައްދަލު ނުވާ މީހަކު ފައްސި ނުވެ އެއްދުވަސް ހޭދަވި ފުރަތަމަ ފަހަރެވެ.

ޗައިނާ އިން ޑެލްޓާ ވޭރިއަންޓް ފެނުނު ފަހުން 31 ޕްރޮވިންސަކުން 1200 އަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ. ފުރަތަމަ ޑެލްޓާ ވޭރިއަންޓަށް މީހަކު ފައްސިވީ ޗައިނާގެ ދެކުނުގައި އޮންނަ ނަންޖިންގް އިންނެވެ. ނަންޖިން އިން ފައްސިވީ އެއާޕޯޓް ސާފު ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފެކެވެ.

ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމުން ޗައިނާ އިން ވަނީ އެތައް މިލިއަން ބަޔަކު ގޭގައި ފުރަބަންދުކޮށް ބޮޑެތި ސިޓީތަކުގެ އެންމެން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. ދަތުރު ފަތުރުކުރުން ފަދަ ކަންކަން ކުރުން މަނާކޮށް ޗައިނާ އިން ވަނީ ގިނަ ސިޓީތަކަށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރަށް އަވަހަށް ފިޔަވަޅުތައް އަޅާފައެވެ.

"ސީއެންއެން" އިން ބުނެފައި ވަނީ ޑެލްޓާ ވޭރިއަންޓް ފެތުރުން ފުރަތަމަ ހުއްޓުވި ގައުމަކަށް ޗައިނާ ވެގެން ދިއުން ވަރަށް އެކަށީގެންވާ ކަމަށެވެ.

ޗައިނާ އިން ވަނީ އެގައުމުގެ ރައްޔިތުން ކޮވިޑް-19 ވެކްސިން ޖެހުން ވެސް މަޖުބޫރު ކޮށްފައެވެ. ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި ވެކްސިނަށް އޮންނާނީ "ޒީރޯ ޓޮލެރަންސް" އެވެ. އެންމެ ގިނަ ބަޔަކަށް މިހާތަނަށް ވެކްސިން ދިން ގައުމަކީ ވެސް ޗައިނާ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާ ސިންގަޕޫރު، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑް ފަދަ ގައުމުތަކަށް ވެސް ވަނީ ޑެލްޓާ ވޭރިއަންޓްގެ ބިރު ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ކޮވިޑުންސަލާމަތް ކުރުމަށް ޗައިނަގަ އަލަފަދަ ފިޔަވަޅު ރާއްޖޭގަ ނޭޅުމުން ރޭއްޖެއިން ކޮވިޑް ފިލުވާނުލެވގެން މި އުލެނީ ރާއްޖެއަށް ވުރެފަސޭހައިން ކޮވިޑުން ސަލާމަތް ކުރެވިދާނެ ގައުމެއް ދުނިޔެއަކު ނެތޭ ވެސް ބުނެވިދާނެ. ނަމަވެސް އެޅުނު ފިޔަވަޅުތައް ހަރުދަނާ ނުވުމުން ގައުމަށް ފެތުރިގެން ދިޔައީ.