އެމެރިކާގެ އަލަބާމާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެ، މަރުވެފައިވާ މީހުންގެ ހަށިތައް ބަހައްޓާނެ ޖާގަތައް ވެސް ފުރިއްޖެ ކަމަށް ހޮސްޕިޓަލްތަކުން ބުނެފިއެވެ.

އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގެ 42 ސްޓޭޓަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ކުރީ ހަފްތާ އާއި އަޅައި ބަލާއިރު އިތުރުވެފައެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ.

ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް ޖެގިގެން މަރުވި މީހުންގެ އަދަދު 14 ސްޓޭޓެއްގައި ވަނީ މިދިޔަ ހަފްތާގައި %50 އިތުރު ވެފައެވެ. އެއީ އޭގެ ކުރީ ހަފްތާ އާއި އަޅައި ބަލާއިރުއެވެ.

މިހާރު އެންމެ ހާލަތު ގޯސްވެފައިވާ އެއް ސިޓީ އަކީ އަލަބާމާއެވެ. އަލަބާމާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ. މަރުވެފައިވާ މީހުންގެ ހަށިތައް މޯބައިލް ޓްރޭލާތަކުގައި ވެސް ބަހައްޓާފައި އެބަހުއްޓެވެ. އަދި ބައެއް ގެތަކުގައި ވެސް މިހާރު މަރުވެފައިވާ މީހުންގެ ހަށިތައް ބަހައްޓާފައި އެބަހުއްޓެވެ.

"މަރުވެފައިވާ މީހުންގެ އަދަދުތައް އިތުރުވެ އެހަށިތައް ބަހައްޓަން ހުރި ހުރިހާ ޖާގައެއް މިހާރު ވަނީ ފުރިފައި. މިހާރު މަރުވެފައިވާ މީހުންގެ ހަށިތައް ބަހައްޓާނެ އިތުރު ޖާގައެއް ވެސް ނެތް." ހޮސްޕިޓަލެއްގެ އޮފިޝަލަކު ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް އަލަބާމާ އިން ވަނީ 50 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ. އެ ސްޓޭޓްގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ވަނީ ހޮސްޕިޓަލްތައް ވެސް ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު