ބޭރުގެ ކަނޑުގެ އުޅަނދުތަކުގެ މައުލޫމާތު ހޯދަން ޗައިނާއިން ގާނޫނެއް ހަދައިފިއެވެ.

ދެކުނު ޗައިނާގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިން އިސްވެ ފަރިތަކުރުންތައް ކުރިޔަށްގެންދާއިރު ޗައިނާއިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކަށް ދަތިކުރުމުގެ ގޮތުން އާ ގާނޫނެއް ހަދާފައިވާކަން މިހާރު މިވަނީ މުޅި ދުނިޔެއަށް ހާމަކޮށްފައެވެ.

ކަނޑުގެ އުޅަނދުތަކުގެ މައުލޫމާތު ހޯދުމަށް ޗައިނާގެ ސަރުކާރުން ހަދާފައިވާ ގާނޫނުން މިހާރު ބޭރުގެ އުޅަނދުތަކުގެ މުހިންމު މައުލޫމާތު ޗައިނާއަށް ހާމަކުރަން ޖެހޭނެއެވެ. އެގޮތުން އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ނިއުކްލިޔާ އުޅަނދުތައް، ރޭޑިއޯއެކްޓިވް ތަކެތި އުފުއްލާ ބޯޑުފަހަރުތައް، ތެޔޮ އަދި ކެމިކަލްސް، ގޭސް، ނުރައްކާތެރި އަދި ގެއްލުންދެނިވި ތަކެތި އުފުއްލާ އުޅަނދުތަކުން މައުލޫމާތު ހޯދޭނެއެވެ.

މި ގާނޫނުގެ ދަށުން ޗައިނާގެ ކަނޑުގެ ސިފައިންނަށް ހޯދޭނެ މައުލޫމާތުތަކުގެ ތެރޭގައި އެ އުޅަނދެއްގެ ރެޖިސްޓަ ނަމާއި، ކޯލް ސައިން، އޮތް ތަން، ދަތުރުކުރާ ބަނދަރަކާއި އެ ބަނދަރަކަށް ދެވޭނީ ކިތައް ގަޑިއިރުކަންވެސް ހޯދޭނެއެވެ. އަދި އެ އުޅަނދުތަކުގެ ސެޓެލައިޓް ޓެލެފޯން ނަންބަރުވެސް ހޯދޭއިރު ޗައިނާގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރު ދުއްވާ މަގުތައްވެސް ފަސޭހައިން ބަލާލެވޭނެއެވެ.

އުޅަނދުފަހަރުތަކުގެ ދަތުރުކުރުމުގެ މިނިވަންކަމަށާއި ސަލާމަތީ ގޮތުންވެސް މިއީ މުހިންމު މައުލޫމާތުތަކަށް ވާއިރު ޗައިނާއިން މިފަދަ ގާނޫނެއް ހެދުމުން ދުނިޔޭގެ ގައުމުތަކުގެ ކަންބޮޑުވުން މިހާރު ހާމަކޮށްފައެވެ.

ޗައިނާއިން ބޭރުގެ އަސްކަރިއްޔާތަކަށް ދަތުރުކުރުމުގައި އުނދަގޫތައް ކުރިމަތިކުރުވުމުން ކުރިޔަށް އޮތް ތަނުގައި ޗައިނާއާ މެދު ބޭރު ދުނިޔެއިން ދެކޭގޮތް މިހާރަށްވުރެ ބޮޑަށް ގޯސް މިސްރާބަކަށް ބަދަލުވާނޭކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު