ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ގުއެޓާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ތިން މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމް ވެއްޖެއެވެ.

ޕާކިސްތާނުގެ ޕްރޮވިންސެއް ކަމަށްވާ ބަލޮޗިސްތާނުގެ ވެރިރަށް ގުއެޓާއަކީ އަފްޣާނިސްތާނުގެ ބޯޑަރާއި އެންމެ ކަރީގައި އޮންނަ ސިޓީއެވެ.

އެސިޓީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް އަޒްހަރު އަކްރަމް "ސީއެންއެން" އަށް ބުނީ، އެ ހަމަލާ ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގައިގައި ގޮވާތަކެތި ހަރުކޮށްގެން އައި މީހެއް ކަމަށާއި އެހަމަލާ ދިނީ އެގައުމުގެ އަސްކަރިއްޔާގެ މީހުން އެއްވެ އުޅޭ ސަރަހައްދަކަށް ކަމަށެވެ.

މި ހާދިސާގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް ތާލިބާނުގެ މީހަކު ބުނެފައިވާ ކަމަށް ސީއެންއެންއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު، 15 ވަރަކަށް މީހަކަށް އެކިވަތުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނެވެ.

އެގައުމުގައި ޖާނުން ފިދާ ވުމުގެ ހަމަލާއެއް ދީފައިވާއިރު، މިދިޔަ ޖުލައި މަހުގެ އިތުރުން އޭޕްރިލް މަހުގެ ތެރޭގައި ވެސް މިފަދަ ހަމަލާއެއް ވަނީ ދީފައެވެ. އޭރު ދިން ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއަކަށް ބެލެވިފައިވަނީ ހަތަރު މީހުންނާއި 12 މީހަކު ޒަހަމް ކޮށްލި އޭޕްރިލް މަހުގެ ހަމަލާއެވެ. އެ ހަމަލާ ދީފައިވަނީ ހަމަ އެސިޓީގެ ހޮޓަލެއްގެ ބޭރުގައި ގޮއްވުމެއް ގޮއްވައިގެންނެވެ.

އާދިއްތަ ދުވަހު ދިން ހަމަލާ އެގައުމުގެ ބޮޑު ވަޒީރު އިމްރާމް ޚާން ވަނީ ކުއްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުވެޓާރ

    ނުޖަހާތި މަގޭ ކޮމެންޓް

  2. ޢަހުމަދުވަގާރު

    ޔަގީން އެމެ ރިކާ މީހުން،ނޫނީ އިންޑިޔާ މީހުން