ޗައިނާ ސަރުކާރުން އުއީގާ މީހުންނަށް ދަތިކުރުމުގެ ގޮތުން އިން ޕާސަން އަދި ޑިޖިޓަލް އުކުޅުތައް ބޭނުންކުރަމުން އަންނަ ކަމަށް އެފްބީއައިއިން ބުނެފިއެވެ.

އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތައް ހިންގަމުން އަންނަ ކަމަށް ޗައިނާ ސަރުކާރުގެ ބޮލުގައި ތުހުމަތުތައް އެޅުވިފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިފަދަ ތުހުމަތުތަކެއް އަމާޒުވެފައިވަނީ އުއީގާ މީހުންނާއި މުސްލިމް ދަރިފަަސްކޮޅުތަކަށް އިހާނެތިކޮށް ކަންތައްކޮށް، ޒިންޖިއާންގް ސަރަހައްދުގައި މުސްލިމުންނަށް އަނިޔާކުރާ ކަމަށް ބުނެއެވެ.

އދގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނެފައިވަނީ މިލިއަނަކަށް ވުރެ ގިނަ އުއީގާ މުސްލިމުން ޗައިނާގެ ޒިންޖިއާންގް ސަރަހައްދުގައި ބަންދުކޮށްފައިތިބި ކަމަށެވެ. އަދި އުއީގާ މީހުންގެ ގިނަ ބަޔަކު ޗައިނާގެ އިދާރާތަކުން އަމާޒުކޮށްގެން ސައިބާ ހަމަލާތައްދީ ހެކް ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް، ޗައިނާއިން ވަނީ ތަކުރާރުކޮށް މިފަދަ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ޗައިނާއިން އަންނަނީ އެހެން ގައުމުތަކުގައި ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އުއީގާ ދަރިފަސްކޮޅު ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް އިތުރު ކުރަމުންނެވެ. އެގޮތުން، އެމެރިކާގައި ތިބި އުއީގާ މީހުންނަށް އަމާޒު ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އެފްބީއައިއިން ބުނީ ޗައިނާ ސަރުކާރުން ގަވާއިދާއި ހިލާފަ އުއީގާ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެމީހުންނަށް ބަސްބުނުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކޯޓު އަމުރެެއްނެތި އެމެރިކާގައި ތިބި އުއީގާ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އެމީހުންނާއި އެމީހުންގެ އާއިލާ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެއެވެ.