ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސްރީލަންކާ ފުރަބަންދު (ލޮކްޑައުން) ކޮށްފައި އޮތް މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފިއެވެ.

އެ ގައުމުގައި ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ވަރަށް ބޮޑަށް ފެތުރެމުންދާތީ ފުރަތަމަ ފުރަބަންދު ކުރީ އޮގަސްޓް 20 ވަނަ ދުވަހުއެވެ. އެފަހަރު 10 ދުވަހަށް ފުރަބަންދު ކުރިއިރު، ފަހުން ސެޕްޓެމްބަރު 13 ވަނަ ދުވަހަށް ފުރަބަންދުގެ މުއްދަތު އިތުރުކުރިއެވެ. އަދި މިހާރު ވަނީ ތިން ވަނަ ފަހަރަށް ފުރަބަންދުގެ މުއްދަތު އިތުރުކޮށް، ސެޕްޓެމްބަރު 21ގެ ނިޔަލަށް ދަންމާލާފައެވެ.

އެ ގައުމު ފުރަބަންދުކޮށް، ފިޔަަވަޅުތަކެއް އަޅާފައި ވަނީ ކޮވިޑް-19ގެ ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއެކު ފެތުރެމުންދާތީއެވެ. އެ ގައުމުގެ ހެލްތް މިނިސްޓަރ ކެހެލިޔާ ރަމްބުކްވެލާ މިއަދު ވިދާޅުވީ، ލަންކާ ފުރަބަންދު ކޮށްފައި އޮންނަ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ފުރަބަންދުގެ ވަގުތުގައި ހަމަ އެކަނި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދިއުމަށް އޭޏާ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މި މުއްދަތުގައި އިގްތިސޯދަށް ގެއްލުން ނުވާނެހެން ކަންކަން ބެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ފުރަބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރު ކޮށްފައިވާއިރު، އެގައުމަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން 56 ވަނަ އަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ.

ލަންކާއިން މިހާތަނަށް 498,694 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މި ބަލީގައި އެގައުމުން 11,817 މީހަކު ވަނީ މަރުވެފައެވެ. އަދި 428,590 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 58,287 މީހަކު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު