ކިއުބާގައި ކޮވިޑް-19 އިން ދިފާއުވުމަށް ދެ އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށައިފިއެވެ.

އުމުރުން ދެ އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ކިއުބާގައި ބޮޑު ވެކްސިން ކެމްޕޭނެއް ކުރިޔަށް ގެންދާއިރު، މިއީ އެ އުމުރުފުރައިގެ ކުދިންނަށް ކޮވިޑް ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމުކަން ފާހަގަ ކޮށްލެވެއެވެ. އެ ގައުމުގެ ސިއްހީ ދާއިރާގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގައި ތައްޔާރު ކުރަމުންދާ ވެކްސިނަކީ ކުޑަކުދިންނަަށް ރައްކާތެރި ވެކްސިނެއްކަން ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ.

"އަހަރެެމެންގެ ގައުމުގައި ކުޑަކުދިންނަށް ކުޑަ ނަމަވެސް ގެއްލުމެއް ލިބޭނެ ގޮތަކަށް ރިސްކެއް ނުނަގާނެ. ވެކްސިން ދޭން ފަށާފައިވަނީ އެއީ ރައްކާތެރިކަން ކަށަވަރު ވެފައިވާ ވެކްސިނަކަށް ވާތީ" ވިދާދޯ ޕޮލީކްލިނިކް ޔުނިވާސިޓީގެ ޑިރެކްޓަރު އައުރޯލިސް އޮޓާނޯ ވިދާޅުވިއެވެ.

މީގެ އިތުރުން އޮޓާނޯ ވިދާޅުވީ އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ޑެލްޓާ ވޭރިއެންޓްގެ ވޭދަނަތައް އިތުރުވެ، ކުޑަކުދިން މި ވޭދަނައަށް ފައްސިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މި ހާލަތާ ގުޅުވައި ކިއުބާގެ ސައިންސްވެރިން ނިންމީ ވެކްސިނަކީ ކުޑަކުދިންނަށް ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް ތަހުލީލް ކުރުމަށް ކަން އޮޓާނޯ ފާހަގަ ކުރެއްވިއެވެ.

ޕޮލީކްލިނިކްގެ އަމާޒަކީ ކިއުބާގެ އުމުރުން 2-5 ދެމެދުގެ ތުއްތު ކުދިންގެ ތެރެއިން މަދުވެގެން 300 ކުދިންނަށް ވެކްސިން ދިނުމަށެވެ. އަދި 5-10 އަހަރާއި ދެމެދުގެ ކުދިންނަށް ސުކޫލުން ވެކްސިން ދޭނެ ކަމަަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިއުބާގައި އުމުރުން 11-18 ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ވޭތުވެދިޔަ ދެތިން ހަފްތާގެ ތެރޭގައެވެ. ވެކްސިން ޕްރޮގްރާމުތައް އެގައުމުގައި ވަރުގަދަ ކުރަމުންދަނީ ވޭދަނަތައް އިތުރުވެ، ގައުމުގެ ސިއްހީ ނިޒާމް ބޮއްސުންލައިގެން ދިއުމުންނެވެ.

ކިއުބާގެ ހެލްތް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެ ގައުމުން 776,125 މީހުން ކޮވިޑަށް ފައްސިވެ، ބަލީގައި 6,601 މީހަކު މަރުވެފައިވެއެވެ.