ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 799 މީހަކު މަރުވެއްޖެއެވެ.

ރަޝިއާއަކީ ކޮވިޑް ފެތުރިފައިވާ ގައުމުތަކަށް ބަލާއިރު، ފަސް ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ. އެގައުން ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު އާއްމު ކުރާ ގައުމީ އިދާރާއަކުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ރަޝިއާއިން މި ބަލި ޖެހިގެން މިހާތަނަށް 197,425 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 20,329 މީހަކު ބައްޔަށް ފައްސިވެފައިވާއިރު، ޖުމްލަ ފައްސިވި އަދަދު މިހާރު ވަނީ 7,254,754 އަށް އަރާފައެވެ.

ރަޝިއާއިން އެއް ދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 29،935 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެންމެ ގިނަ މީހުން އެއްދުވަސް ތެރޭ މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 820 މީހަކު ވަނީ މަރުވެފައެވެ.

ރަޝިއާއިން ބަލި ޖެހުނު މީހުންގެ ތެރެއިން 6,485,264 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު އެގައުމުގައި ބަލި ޖެހިފައިވާ 572,065 މީހަކު އެބަ ތިއްބެއެވެ. އޭގެ ތެރެއިން 2،300 މީހަކަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު