ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ ފަތުރުވެރިންނަށް އެމެރިކާ ހުޅުވާލަން ނިންމައިފިއެވެ.

ކޮވިޑުން ދިފާއުވުމުގެ ގޮތުން ވެކްސިން ނުޖަހާ ފަރާތްތަކާއި، ވެކި ގައުމުތަކެއްގެ މީހުން އެމެރިކާއަށް ދަތުރު ކުރުން މަނާ ކޮށްފައިވެއެވެ. ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، އެހެން ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން ވަގުތީ ގޮތުން މެދުކަނޑައިލީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގަ އެވެ. އެގޮތުގައި 18 މަސް ދުވަސް އެމެރިކާ ބަންދުކޮށްފައި އޮތުމަށްފަހު އެ ގައުމު ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައިވާކަން އެމެރިކާގެ ވައިޓްހައުސްއިން އިއުލާން ކޮށްފައިވަނީ އިއްޔެއެވެ.

އެމެރިކާ ސަރުކާރުން މިކަން މި އިއުލާން ކުރީ، އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެމެރިކާ އަށް ވަޑައިގެން، ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އިއްޔެ ބައްދަލުކުރެއްވި ފަހުންނެވެ. ވައިޓްހައުސްއިން ބުނީ ނޮވެމްބަރުގައި އެގައުމު ފަތުރުވެރިންނަށް ހުޅުވާލާއިރު، އެގައުމަށް އެތެރެވެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާކަން ޔަގީން ކޮށްދިނުމުން ކަމަށެވެ. އަދި އެގައުމަށް އެތެރެ ވުމުގެ 3 ދުވަސް ކުރިން ކޮވިޑަށް ޓެސްޓުކޮށް ނައްސި ނަތީޖާއެއް އޮންނަން ޖެހެއެވެ.

ވައިޓްހައުސްއިން ބުނީ ވެކްސިން ފުރިހަމަކޮށް، ކޮވިޑް ޓެސްޓުގެ ނަތީޖާ ނައްސިވެފައިވާނަމަ އެގައުމުގައި ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

އެމެރިކާ ސަރުކާރުން އިއްޔެ ނިންމި ނިންމުމަށް އިނގިރޭސި ވިލާތުން ވަނީ މަރުހަބާ ކިޔައިފައެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ވިލާތުގެ ގައުމުތަކަށް އެމެރިކާ ހުޅުވައިލުމަކީ ވިޔަފާރި އާއި އިގްތިސާދަށް ބޮޑަތި ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށެވެ.

އެމެރިކާގެ 42.3 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޭގެ ތެރެއިން 676 ހާހަށް ވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު