ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރު އިތުރު 500 ޑޯޒް ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިކަން ހާމަ ކުރައްވާފައިވަނީ ފަގީރުގައުމުތަކަށް ކޮވިޑް ވެކްސިން ނުލިބޭ މައްސަލަ ހައްލުކުރުމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމެރިކާގެ ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ކޮވިޑް ވެކްސިން ލިބުން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމުން ފައިޒާ ވެކްސިންގެ އިތުރު 500 މިލިއަން ޑޯޒު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯ ގެ ކޯވެކްސް ޕްރޮގްރާމުގެ ތެރެއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިއާއެކު އެމެރިކާއިން ގައުއުމުތަކަށް ހަދިޔާ ކުރި ވެކްސިންގެ އަދަދު 1.1 ބިލިއަނަށް އަރާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ކޮވިޑް-19ގެ ހާލަތުން އަރައިގަނެވޭނީ ހުރިހާ ގައުމެއް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން، މުއްސަދި ގައުމުތަކުން ފަގީރު ގައުމުތަކަށް ވެކްސިން ވިއްކުމުގެ ބަދަލުގައި ހަދިޔާ ކުރުމަށް ބައިޑަން ގޮވާލެއްވިއެވެ.

ވޭތުވެދިޔަ އަހަރުތެރޭގައި ދުނިޔެއިން 5.9 ބިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާއިރު، އެއީ މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު 43 އިންސައްތަކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް، ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހި، ބައެއް ގައުމުތަކުގައި އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒް ވެސް ޖެހިފައިނުވާކަން ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު