އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ އިން އުފައްދާފައިވާ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހަން އެމެރިކާގެ އެޑްޑީއޭ އިން ހުއްދަދީފިއެވެ.

އެމެރިކާގެ އެފްޑީއޭ އިން ބުނީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ފައިޒާ ވެކްސިންގެ ބޫސްޓާ ޝޮޓެއް ދިނުމުގެ ހުއްދަ އެއިދާރާގެ ސައިންސްވެރިން ދީފައިވާ ކަމަށެވެ. އަދި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ކޮވިޑް ޖެހިއްޖެނަމަ ހާލު ދެރަވުމުގެ ފުރުސަތު ބޮޑު މީހުންނަށް ވެސް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން އެފްޑީއޭ އިން ވަނީ ހުއްދަ ދީފައެވެ.

ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ ހުއްދަ އެމެރިކާގެ އެފްޑީއޭ އިން ދިން ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ އެޑްވައިޒަރީ ކޮމެޓީން އަދި ގޮތެއް ނުނިންމިއެވެ. ހުކުރު ދުވަހު ބޭއްވި ސީޑީސީގެ ބައްދަލުވުމުގައި ވެސް އަށް ގަޑިއިރު ވަންދެން ބަހުސް ކުރުމަށް ފަހު ބައްދަލުވުން ނިންމީލީ ގޮތެއް ނުނިންމިގެންނެވެ.

ނަމަވެސް އޭގެ ފަހުން އެފްޑީއޭ އިން މިކަމުގައި ގޮތެއް ނިންމާފައި ވާތީ އަންނަ ބުރާސްފަތި ދުވަހު ސީޑީސީ އިން އަނެއްކާވެސް ބައްދަލު ކުރާނެއެވެ. އެދުވަހު ސީޑީސީގެ އެޑްވައިޒަރީ ކޮމެޓީން މިކަމުގައި ގޮތެއް ނިންމުމަށް ވޯޓެއް ނަގާނެ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އާބާދީއަށް ބަލާއިރު 65 އަހަރުން މަތީގެ %17 މީހުންނަކީ ކޮވިޑް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންނެވެ. ކޮވިޑްގައި އެމެރިކާ އިން މަރުވި މީހުންގެ ތެރެއިން %77 މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.

އެމެރިކާ އިން ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖެހުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ވެކްސިންގެ ތިންވަނަ ޑޯޒެއް އަދި އެއްވެސް ގައުމަކުން ނުޖެހުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު