އިންޑިއާއިން ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން، މިއަދު އެގައުމުން ކޮވިޑް ބަލީގައި މަރުވެފައިވަނީ 179 މީހުންނެވެ. އަދި މިއީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެގައުމުން ކޮވިޑް ބަލީގައި ދުވާލެއްގެ މައްޗަށް އެންމެ މަދު މީހުން މަރުވެ ރިޕޯޓު ކޮށްފައިވާ ދުވަހެވެ. މާރޗް މަހުން ފެށިގެން މިއަދާއި ހަމައަށް އެގައުމުން ކޮވިޑް ބަލީގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު 447,373 އަށް އަރާފައިވެއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެގައުމުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 33.7 މިލިއަނަށް އަރާފައެވެ.

201 ދުވަސް ފަހުން އިންޑިއާއިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 20,000 އަށް ވުރެ ދަށްވެފައި ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ ތެރެއިން މީގެ ކުރިން ބަލިހުރި މީހުންގެ އިންސައްތަ އެއް އިންސައްތައިގައި ހުރިއިރު، މިހާރު ވަނީ އެ އަދަދު 0.87 އިންސައްތައަށް ދަށްވެފައެވެ. މިއީ 2020 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ފައްސި ރޭޓް އެންމެ ދަށްވެފައިވާ ދުވަސްތަކެވެ.

ދުވާލަކު 400,000 މީހުން ކޮވިޑަށް ފައްސިވެ، ބަލީގައި 4,500 މީހުން މަރުވެ ރިޕޯޓު ކުރަމުންއައި އިންޑިއާގެ ކޮވިޑް ހާލަތު ވަނީ ބޮޑުތަނުން ރަނގަޅު ވެފައެވެ. އެ ގައުމުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ދެމުން އަންނައިރު، އެގައުމުން މިހާތަނަށް 856 މިލިއަނަަށް ވުރެ ގިނަ މީހުން ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 224 މިލިއަނަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު