ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމެރިކާއިން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 700,000 އަށް އަރައިފިއެވެ.

އެމެރިކާ އަކީ ދުނިޔޭގައި ކޮވިޑް ފެތުރި، އެންމެ ބޮޑުވަރުވީ ގައުމުތަަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ގައުމެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑުގައި މަރުވެފައިވާ މީހުންގެ 15 އިންސައްތަ މީހުން މަރުވެފައިވަނީ އެމެރިކާއިންނެވެ.

އެގައުމުގެ އާބާދީގެ 55.7 އިންސައްތަ މީހުން ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާފައިވާއިރު، ދުވާލެއްގެ މައްޗަށް އެގައުމުން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު 1,000 އަށް އަރާފައިވާ ކަމަށް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަނުން ބުނެފައިވެއެވެ.

މި ފަހުން 100,000 މީހުން ބަލީގައި މަރުވެފައިވަނީ މަރުތައް ކޮންޓްރޯލް ކުރުމަށާއި، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދިނުން ނިމުމަކަށް ގެނައުމުގެ ގޮތުން ވެކްސިން ކޭމްޕުތައް ވަރުގަދަކޮށް، 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައެެވެ.

އެ ގައުމުގައި 600,000 އިން 700,000އަށް ބަލީގައި މަރުވި މީހުންގެ އަދަދު އިތުރުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ތިން މަސް ދުވަހުގެ ތެރޭގައި މިވަރުގެ ބޮޑު ބަދަލެއް އައިސް، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވަނީ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް ނުވަތަ އިންޑިއާ ވޭރިއެންޓުގެ ވޭދަނަތައް އިތުރުވެ، ވެކްސިން ޖެހުމަށް އެގައުމުގެ ބައެއް މީހުން ދެކޮޅުހަދާފައިވުމުންނެެވެ.

ޗައިނާއިން 2019 ވަނަ އަަަހަރު ފުރަތަމަ ދެނެގަނެވުނު ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮރޯނާވައިރަހުގައި މުޅި ދުނިޔެއިން 4.8 މިލިއަން މީހުން މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު